މަގުމަތިން ދަނިކޮށް މޯލްޑިވްސް ކަރެކްޝަންގެ އޮފިސަރަކަށް ކަތިވަޅިން ބިރު ދެއްކި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގު ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ކުށުގެ ދައުވާ އުފުލާފައި ވަނީ ކ. މާލެ ދަފްތަރު ނަންބަރު 5624 އަހުމަދު ޝައިރަފް އަބްދުއްރަހީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުލާސާގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 09 ވަނަ ދުވަހުގެ ހެނދުނު މޯލްޑިވްސް ކަރެކްޝަންގެ އޮފިސަރަކު ސައިކަލުގައި ޑިއުޓީއަށް ދިޔަ މަގުމަތީގައި ޝައިރަފް ދުއްވަން އިން ސައިކަލު ހުރަސްކޮށް ކަރެކްޝަން އޮފިސަރު ހުއްޓުވާފައިވާ ކަމަށެވެ.
އަދި އެއަށްފަހު ޝައިރަފް ސައިކަލުން ފައިބާ އޭނާގެ އަތުގައި އޮތް ކަތިވަޅި އޮފިސަރަށް ދައްކާ "މިއޮތީ ކަތިވަޅިއޭ މަރާލާނީ" އޭ ބުނުމުން އެ އޮފިސަރު ސައިކަލު މަގު މައްޗަށް ދޫކޮށް އެތަނުން ދިޔައެވެ. އަދި އޮފިސަރު ދިއުމުން އެ ސައިކަލަށް އަރާ ޝައިރަފް އެތަން ދޫކޮށް ގޮސްފައިވާ ކަމަށް ހުލާސާ ބަޔާނުގައި ވެއެވެ.
ނަމަވެސް އެ ދައުވާ އަށް ޝައިރަފް ވަނީ އިންކާރު ކޮށްފައެވެ. އަދި އެކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ތިން ހެކިވެރިންގެ އިތުރުން ސިއްރު ހެކިވެރިޔަކާއި ސީސީޓީވީ ފޫޓޭޖް އަދި ވީޑިއޯ އެންޑް އިމޭޖް އެނަލަސިސްގެ ދެ ރިޕޯޓު ހުށަހަޅާފައެވެ. އަދި ޝައިރަފްގެ ފަރާތުން 4 ހެކިވެރިޔަކު ހުށަހަޅާފައި ވެއެވެ. އެއީ އެކުށް ކުރީ ޝައިރަފް ނޫން ކަމަށާއި އޭނާ އެވަގުތު ހުރިތަން ސާބިތުކޮށްދިނުމަށް ހުށަހެޅި 4 ހެކިންނެވެ.
ދައުލަތުން ހުށަހެޅި ވީޑިއޯ އެންޑް އިމޭޖް އެނަލީސަސް ރިޕޯޓަކީ ދައުވާ ލިބޭ ފަރާތަށްވެސް ދޫކުރަން ޖެހޭ ލިޔުންތަކެއް ކަން ފާހަގަކޮށް ޝަރީއަތުން ބުނެފައި ވަނީ އެ ހެއްކަށް ދައުވާ ލިބޭ ފަރާތުން ދެކޭގޮތް ހާމަކޮށް އެއަށް ތައުނުކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އެއާއެކު އެ ރިޕޯޓުގައިވާ ކަންކަމަކީ ދިފާއުން ކުރަން ބޭނުންވާ ސުވާލުތައް ކުރެވޭނެ އުސޫލުން ދީފައިވާ ހެއްކަކަށް ނުވުމުން އެ ހެކި ވަނީ ޝަރީއަތުން ބަލައި ނުގަތުމަށް ނިންމާފައެވެ.
އަދި ކުށުގެ އަމަލު ހިންގި ފަރާތަކީ ދައުވާ ލިބޭ ފަރާތްކަން ހެކިންގެ ހެކިބަހުންނާއި ގަރީނާއިންވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ޝަރީައތުން ވަނީ ބުނެފައެވެ. އެހެންކަަމުން ޝައިރަފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގު ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ގާޒީ ސަފްއަތު ހަބީބް ބެއްލެވި މި މައްސަލައިގައި އެހެން ފަރާތަކަށްވެސް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް މީގެ ކުރިން ޝައިރަފް ކޯޓަށް ހާޒިރު ނުވުމުން މި ކުށުގެ ތުހުމަތުގައި ބައިވެރިވި އަނެއް ފަރާތުގެ ޝަރީއަތް ވަނީ ވަކިން ކުރިއަށް ގެންގޮސްފައެވެ.