ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ- 14 ގައި ހިމެނޭ ފުރަތަމަ 4 ހަފްތާގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ 17 މަސައްކަތް ވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު "ހައިޑްރޯގްރަފީ ބިޓްވީން ދަ ގަވާމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް" (ހައިޑްރޯގްރަފީ) އެއްބަސްވުން އާ ނުކުރަން ނިންމައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުން ހަމަވުމުގެ 6 މަސް ކުރިން އެކަން އެއްބަސްވުމުގައިވާ ފަރާތަށް އަންގަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުން ހަދާފައި ވަނީ އެއްބަސްވުން އާ ނުކުރާނެކަން އެ މުއްދަތުގައި ނާންގައިފިނަމަ އެއްބަސްވުމުގެ މުއްދަތު 5 އަހަރަށް އިތުރުވެގެންދާ ގޮތަށް ކަމަށެވެ.

ކެބިނެޓުތަކުގައި މަޝްވަރާކުރެވި ރައީސް މުއިއްޒުގެ މި ނިންމެވުން ނިންމަވާފައި ވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ މަޝްރޫއުތަކުގެ މުއާމާލާތް ކުރުން އެންމެ ރަނގަޅު ގޮތަކީ އަދި ދިވެހިރާއްޖޭގެ ސިޔާދަތާ މިނިވަންކަން ހިމާޔަތް ކުރުމަށް އެންމެ ފަހިވެގެންދާނެ ގޮތަކީ އެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ގާއިމްކޮށް، ރާއްޖޭގެ އަސްކަރިއްޔާގެ ދަށުން އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުން ނެތި، އެކަން ކުރިއަށް ގެންދިޔުންކަމަށްވާތީ ކަމަށް ފިިރުޒުލް ވިދާޅުވިއެވެ.

މި ނިންމެވުމާއެކު ރައީސް ވަނީ އެމްއެންޑީއެފްގައި މި ގާބިލްކަން ގާއިމްކުރުމަށްޓަކައި ބަޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ކަނޑައަޅުއްވާފައި ކަމަށާއި ފިނޭންސް މިނިސްޓްރީއިން އެ ބަޖެޓު ހަމަޖައްސަވައިދެއްވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އަދި މިހާރު ބަޖެޓު ގާއިމް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ތެރޭގައި ފެށިގެން ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހައިޑްރޯގްރަފީ މަސައްކަތުގެ ދާއިރާއިން ކުރެވިގެންދާ މަސައްކަތްތައް ކުރެވިގެންދާނީ ހަމައެކަނި ދިވެހިންގެ ބެލުމުގެ ދަށުން ދިވެހިންނަށް އެކަނި މައުލޫމާތު އެނގޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޖޫން 2019 ގައެވެ. ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުގައި ކުރިއަށް ގެންދިޔަ ހައިޑްރޯގްރަފިކް ސާވޭއަށް ފަހު ތައްޔާރުކުރި ނެވިގޭޝަނަލް ޗާޓުތައް ވިއްކާލައިގެން ރޯޔަލްޓީގެ ގޮތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 8،278 ޑޮލަރު ދީފައެވެ.