އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ ތިންވަނަ ބުރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއެއް ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރުއެވެ. ޖޮއިންޓް ހައިޑްރޮގްރެފިކްގެ ދެވަނަ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 2022 އަހަރު މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

މި ފަހަރުގެ ސާވޭ ކުރިއަށް ދާނީ ރާއްޖޭގެ އުތުރު ސަރަހައްދުގައި، މި މަހުގެ 19 އިން އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށެވެ. ހއ. ހދ، އަދި ށ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ސާވޭގައި ރާއްޖޭގެ ކަނޑު އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތައް ދެނެގަންނާނެއެވެ. އަދި ރާއްޖޭގެ ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަތުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން މި ސާވޭގައި ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް ޓައިޑްޕޯލް ހަރުކުރުމުގެ މަސައްކަތާއި ރަށްތަކުގެ ކޯސްޓްލައިން ކުރެހުމުގެ އިތުރުން ރާއްޖޭގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މި ސާވޭގައި ކުދި އުޅަނދު ފަހަރުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ސާވޭ ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" ހަރަކާތްތެރި ވާނެއެވެ. އަދި މި ސާވޭގެ މަސައްކަތުގެ ތެރެއިން މި މަނަވަރު އުތުރުގެ އަތޮޅުތަކުގެ ރަށްތަކުގައި ހަރަކާތްތެރި ވާނެއެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މި ސާވޭތަކުގެ ސަބަބުން ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެއެވެ. އަދި ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ހުރިހާ މައުލޫމާތެއް ޑިޖިޓަލްކޮށް އެއްކޮށް، ކުރަހާ ޗާޓުތައް ހަދާ ވިއްކައިގެން އިންޑިއާއިން ރަނގަޅު އާމްދަނީއެއް ހޯދާ އިރު ރާއްޖެއަށް ލިބެނީ ވިއްކާ ޗާޓަކުން ޕަސެންޓެކެވެ.