އިންޑިއާ އަސްކަރިއްޔާއާާއި އެމްއެންޑީއެފް ގުޅިގެން ކުރާ ދިވެހިރާއްޖޭގެ 2 ވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ހަދައިފިއެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ މަނަވަރު ސުތްލެޖް (އައިއެންއެސް ސުތްލެޖް) މިދިޔަ މަހު 18 އިން މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދުވަސްވަރު ތެރޭގައި މަނަވަރުން ރާއްޖޭގެ އުތުރާއި، މާލެ ސަރަޙައްދު (ތިލަފުށި، ހުޅުމާލެ އަދި ރާއްޖޭގެ ޕޯޓް) ހިމެނޭހެން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ސާވޭ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާ ކަމަށާއި އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާ ކަމަށެވެ. އެގޮތުން މުޅިއަކު 944 ސްކޮއާ ކިލޯމީޓަރުގެ ސަރަޙައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ކާމިޔާބުކަމާ އެކީ ސާވޭ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ އެއީ އުތުރުގެ ހަނިމާދޫއިން ފެށިގެން ށ. އަތޮޅުގެ ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 ސްކެއާ ކިލޯމީޓަރު އަދި މާލެ ސަރަޙައްދުގެ 100 ސްކެއާ ކިލޯމީޓަރުގައި ފުޅާދާއިރާއެއްގައި ކޮށްފައިވާ ސާވޭއެއް ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ކުރެވިގެންދާ މި ސާވޭގެ ސަބަބުން މި ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓް/އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވެގެން ދިޔުމުން ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދުވެސް ކުރިއަރާދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސާވޭގެ ސަބަބުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގެ ނޫ އިގްތިސާދުގެ ދާއިރާގައި ހިމެނިފައިވާ 6 ސަބް-ސެކްޓަރު ކަމުގައިވާ ޓޫރިޒަމް، ފިޝަރީޒް، އެގްރިކަލްޗާ، އެސްއެމްއީތަކާއި، ލޭބާ އެންޑް އެމްޕްލޮއިމަންޓް އަދި އިކޮނޮމިކް ޑައިވާސިފިކޭޝަންއަށް ރަނގަޅު އަސަރުތަކެއް ފޯރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ މަނަވަރުން މާލެ ސަރަޙައްދުގެ 10 ތަނެއްގެ އަދި އުތުރުގެ 4 ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ހަދާފައިވާ ކަމަށާއި މީގެ ސަބަބުން ސިދާކަމާ އެކު ކަނޑުގެ އޮއަށް އަންނަ ބަދަލުތައް ލަފާކުރުމުގައި ފަސޭހަވަވެގެން ދާނެ ކަމަށެވެ.

އެގޮތުން ފުނަދޫ، ކަނޑިތީމު އަދި މަކުނުދޫގެ އިތުރުން، ތިލަފުށި އަދި ހުޅުމާލެއަށް ކަނޑުގެ އޮއެއަށް އާ ބެންޗްމާކްތަކެއް ވަނީ ކަނޑައެޅިފައިވާ ކަމަށާއި މީގެ ސަބަބުން ސީދާކަމާ އެކު ޓައިޑަލް ރީޑިންސް އަދި ޕްރެޑިކްޝަން ނެގުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުންވެސް، މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސާސްގެ އެދުމުގެ މަތިން ކާށިދޫގެ ބޭރުން ސަރަޙައްދެއް ވެސް ސާވޭކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ދިވެހި މަސްވެރިންނަށް ފިޝް އެގްރިގޭޓިން ޑިވައިސް (އެފްއޭޑީ) ހަރުކުރުމަށްޓަކައި ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ މި ސާވޭއިން ރާއްޖޭގެ އުތުރުގެ ސްމޯލް ސްކޭލް ޗާޓަކާއި މާލެ ސަރަހައްދުގެ ލާޖް ސްކޭލް ޗާޓެއް ޕްރިންޓް ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. މިއީ މިސަރަހައްދުގެ ފުޅާ ވަމުންދާ މެރިޓައިމް ހަރަކާތްތަކާއި ވިޔަފާރިތަކަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ ޗާޓް ތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިމަހު 24 ވަނަ ދުވަހު އައިއެންއެސް ސުތްލެޖް ގައި ބޭއްވި ރަސްމިއްޔާތުގައި ސާވޭގެ ހޯދުންތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދް ދީދީ އާ ވަނީ ހަވާލުކޮށްފައެވެ.

މި ސަރވޭ އަކީ އިންޑިއާގެ ފަރާތުން ރާއްޖޭގައި ހައިޑްރޯ ގްރެފިކް ފެސިލިޓީއެއް އެމްއެންޑީއެފް ގައި ގާއިމް ކޮށްދިނިމުގައި އެހީތެރިވުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ސާވޭއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން ފެބްރުއަރީ އަދި މާޗް 2021 ގައެވެ.