އިޒްރޭލުން ގާޒާއާއި ހުޅަނގު އައްސޭރިއަށް ދެމުން ގެންދާ އުދުވާންތައް ކުށްވެރި ކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުން ދާ އިރު، އިޒްރޭލުން ބުނަނީ ދުނިޔެ ރުހުނަސް ނުރުހުނަސް، އަދި ތާއީދު ކުރިޔަސް ނުކުރިޔަސް ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތައް ހުއްޓާލައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް ގޮވާލައި އދ ގެ ސަލާމަތީ މަޖިލީހުން ގަރާރަކަށް ފަހު ގަރާރެއް ފާސްކުރަމުން ދާއިރުވެސް އަދި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެތަން މިތާނގައި، އެތައްހާސްބަޔަކު އެއްވެ މުޒާހަރާ ކުރި ނަމަވެސް ފަރުވާލެއް ނެތް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
އިޒްރޭލުން ކުރިއަށް ގެންދާ އުދުވާނަން އެމެރިކާއިން ފުރިހަމަ ތާއީދު ކުރާ އިރު، އދ އާންމު މަޖިލީހުގައި ފާސްކުރާ ކޮންމެ ގަރާރެއް ސަލާމަތީ މަޖިލީހާ ހަމައިން އެމެރިކާއިން ވީޓޯ ކޮށް ބޭރުކޮށްލައެވެ. އަދި އާންމު މަޖިލީހުގައި ވެސް، ގަރާރާ ދެކޮޅު ހަދާ އިޒްރޭލާ ބައިވެރިވާ ދުނިޔޭގެ ބާރަކީ އެމެރިކާއެވެ.
މިދިޔަ އަންގާރަ ދުވަހުވެސް އދ ގެ އާންމު މަޖިލީހުގައި ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. 153 ގައުމަކުން އެއްކޮޅަށް ވޯޓު ދިން އިރު ދެކޮޅު ހަދާ ދެކޮޅަށް ވޯޓު ދިން ހައެއްކަ ގައުމުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ.
އެ މަޖިލީހުގައި ޔަހޫދީ ހާރިޖީ ވަޒީރު އެލީ ކޯހެން ބުނީ، ހަމަލާތައް ހުއްޓާލުމަކީ ހަމާސް އަށް ދެވޭ ހަދިޔާއެއް ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި އދ މަޖިލީހަކީ ދޮގާއި މަކަރުގެ ތަނެއް ކަމަށް ބުނެ އޭނާ ރުޅިގަނޑު ބޭލީ އާންމު މެންބަރުންނަށެވެ.
އިޒްރޭލުން ގާޒާއާއި ހުޅަނގު އައްސޭރިއަށް ދެމުން ގެންދާ ހަމަލާތަކުގައި 18 ހާހަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އާންމުންނަަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކާ ހުރެ އިޒްރޭލަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އިޒްރޭލާ ގާތްކަން ބަހައްޓާ ހުޅަނގުގެ ބައެއް ގައުމުތަކުންނާއި، ބައިނަލްއަގުވާމީ އެކިއެކި ޖަމާއަތްތަކުން ކުރިމަތިވާ ޕްރެޝަރާއި، އެތެރޭގެ ދާހިލީ ޕްރެޝަރުވެސް ބޮޑުވަމުން ދެއެވެ.
މިކަންކަމާ ގުޅިގެން ޔަހުދީ ބޮޑުވަޒީރު ބުނެފައިވަނީ މިހާރު ހަމާސް އަމާން ދޭންވީ ކަމަށާއި ހަމާސްގެ ކަންތައް ނިމެން ކައިރިވެއްޖެ ކަމަށެވެ. އަދި މަސްތަކެއް، އަހަރުތަކެއް ނެގިޔަސް ހަމާސް ނައްތާލާފައި ނޫނީ ހުއްޓާނުލާނެ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގެ ހަމަލާއާ ގުޅިގެން އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި އެއްގަމު މަގުން އަރާ މުޅި ގާޒާ ހިފަމުން ދާ އިރު، ހަނގުރާމައަށް ފަހު ކަންކުރާނެ ގޮތްތަކެއްގެ ވާހަކަވެސް މިހާރު ދަނީ ދައްކަމުންނެވެ. އެގޮތުން، ހަނގުރާމައަށް ފަހު ހާއްސަ ސެކިއުރިޓީ ޒޯނެއް ކަނޑައަޅާ އެތަން ބަލަހައްޓާނީ އިޒްރޭލުން ކަމަށް ނަތަންޔާހޫ ދަނީ ބުނަމުންނެވެ.
އޭނާ ބުނަނީ، ކުރިންވެސް ސުލްހަވެ ގާޒާ ބެލެހެއްޓުން ފަލަސްތީންގެ ސަރުކާރު [ޕީއޭ] އާ ހަވާލު ކުރި ކަމަށާއި ނަމަވެސް ގާޒާގެ ކޮންޓްރޯލް ނެގީ ހަމާސް ކަމަށެވެ. އެއީ މިސްޓޭކެއް ކަމަށް ބުނެ މިހަފަރު އެކަން އެގޮތަށް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ނަތަންޔާހޫ މި ގޮތަށް މިވާހަކަ ދައްކާފައި ވާ އިރު، 'އިޒްރޭލު ކޮޅަށް ވެސް ފައި ލައިގެން ތިބޭ' މިސްރާއި، އުރުުދުން ފަދަ ގައުމުތަކުން ބުނެފައި ވަނީ، ގާޒާގެ ކަންކަން ބެލެހެއްޓުން ޕީއޭ އަށް ނުވަތަ ބައިނަލްއަގުވާމީ ފައުޖަކާ ހަވާލު ކުރުމަށެވެ.
މިކަން ހުއްޓާނީ މުޅި ދުނިޔެއިން އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން.
މަގޭ ހިތަށް އަރާ ވޭދެނިވި މަރަކުން މިނުލަފާ މީހާ މަރު އަދި އޭނަ ގެ މުޅި އާއިލާ ކުރިމަތިވާނީ ކޮންރަކުން ބާއޭ.
އަވަސް ގޮތަކަށް މިކަލޭގެ ނަރަކައަށް ގެންދަވާ ދޭވެ.