ހުރަވީ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްއިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން ބުނީ 1445ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުޑަކުދީންގެ ހަވީރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 އިން 6 ޖެހުމުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އެ ހަވީރާ ގުޅޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގިނަ ގޭމުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި ދާރުލްއާސާރުގައި ހުރި ހުރަވީ ދުވަހުގެ މުނާސަބާތާ ގުޅޭ ތަކެތި ކުޑަކުދިންނަށް ބަލާލެވޭ ގޮތަށް އާސާރީ ސްޓޯލެއްވެސް ތައްޔާރުކުރާނެ ކަމަށެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ އެ ހަވީރުގައި ތަމްސީލުތަކުގެ ގޮތުގައި ދިވެހިންގެ ކުރީގެ މަސައްކަތްތައް ކުޑަކުދިންނަށް ދައްކާލުންވެސް ކުރިއަށްދާނެ ކަމަށް އަހުސަން ވަނީ ވިދާޅުވެފައެވެ.

އަހުސަން ވިދާޅުވީ ކެންޓީނެއްގެ އިތުރުން ކުއްލިއަކަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވުމަށް ފަސްޓްއެއިޑް ވެސް ހިމަނާފައިވާ ކަމަށެވެ.

އެ މިނިސްޓްރީއިން އިސްނަގައިގެން ހުރަވީ ދުވަހާ ގުޅިގެން ގިނަ ކަންތައްތައް ކުރިއަށްގެންދަން ނިންމާފައިވާއިރު މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގިނަ ކަންތައްތަކެއް ވަނީ ތާވަލުކޮށްފައެވެ.

ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ ޖުމާދިލްއާހިރާ މަހުގެ ތިންވަނަ ދުވަހެވެ. އެ ދުވަހަކީ މި އަންނަ ހޮނިހިރު ދުވަހެވެ.

މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރެވެ. ހުރަވީ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަނީ ހޮޅިންގެ އަޅުވެތިކަމުގައި ރާއްޖެ އޮއްވާ ހިޖްރައިން 1166 ވަނަ އަހަރު ދޮން ބަންޑާރައިން އިސްވެ ހުންނަވައިގެން ހަނގުރާމަކޮށް، ރާއްޖެއަށް މިނިވަންކޮށް ދެއްވި ދުވަހަށެވެ.