ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން 101.7 މިލިއަން ރުފިޔާ ރިޕޯޓު ކުރެވިފައިވީ ނަމަވެސް، އެ ފައިސާއަކީ އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާއެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި ވަނީ، އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓާ ހަވާލާދީ މި ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކޮށްފައިވަނީ ނޮވެމްބަރު 17 އިން ނޮވެމްބަރު 23 އަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިނުވެއެވެ.

ނަމަވެސް ނޮވެމްބަރު 24 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެއެވެ. އެ އަދަދާއެކު މިއަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކުރި ފައިސާ 539.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެކަން ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ދޮގު ކޮށްފައެވެ. އަދި އެކަން އިތުރަށް ތަފްސީލް ކޮށް ހާމަކޮށް މިރޭ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފައިސާއަކީ އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާއެއް ނޫން ކަމަށެވެ. އަދި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށެވެ.

އަދި ހަމައެހެންމެ މި ސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ ތެރޭގައި ބައި ބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާނިންމުންތައްވެސް ހިމެނެއެވެ. އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް ޕޭމަންޓްވެސް ހަދާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސ،ް މިސަރުކާރު ހަވާލުވުމަށްފަހު ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލާ، އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަ ނައިބުގެ ލަފައާއެކު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.