ކޮވިޑް-19 ގެ ސަބަބުން ފައިސާ ޗާޕްކުރަން ދީފައިވާ އިސްތިސްނާ މި އަހަރުގެ ނިޔަލަށް ހަމަވުމުން، އެކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން ބައެއް މާއްދާތައް ސަސްޕެންޑުކޮށް ދައުލަތުގެ އެކައުންޓުން އޯވާޑްރޯކުރުމުގެ ހުއްދަ ދިނީ ގުދުރަތީ ހާއްސަ ހާލަތެއް ކުރިމަތިވުމުން ކަމަށާއި، އެކަމަކު އެފަދަ ހާލަތެއް މިހާރު ކުރިމަތިވެފައި ނުވާ ކަމަށެވެ.

އެ ސިޓީގައި ޝަފީގު އިތުރަށް ވިދާޅުވީ، ދައުލަތުގެ އެކައުންޓުން އޯވާޑްރޯކުރި މިންވަރު އެއްކޮށް ސެކިއުރަޓައިޒްކޮށް، ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށެވެ.

ޝަފީގު ވަނީ ރާއްޖޭގެ އިގްތިސޯދީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އަހަރު ރާއްޖޭގެ ޖީޑީޕީ ކޮވިޑުގެ ކުރިން ހުރި ވަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަން ވެސް ފާހަގަކުރައްވައިފައެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، އޭޕްރިލް 26، 2020 ވަނަ ދުވަހުން ފެށިގެން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ އާއި ރ އާއި ބ އަށް އަމަލުކުރުން މަޑުޖައްސާލައި، މަރުކަޒީ ބޭންކުން ވަނީ އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ ދީފައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން، އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ ދައުލަތަށް ލިބޭ އާމްދަނީގެ އެވަރެޖް އެއް ޕަސެންޓެވެ. އެގޮތަށް ނަގާ ދަރަނި ތިން މަސް ދުވަހުގެ ތެރޭ މަރުކަޒީ ބޭންކަށް ދައްކަން ސަރުކާރަށް ލާޒިމްވާނެއެވެ.