އީރާނުން މަދަދު ލިބޭ ޔަމަންގެ ހޫތީންގެ އިންޒާރާ އެކު އެމެރިކާ އިން ސިއްރު މަސައްކަތްތަކެއް ފަށާފައި ވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ހޫތީން ބުނެފައި ވަނީ, ގާޒާ އަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ނުލިބޭހާ ހިނދަކު އިޒްރޭލަށް ދާ ކޮންމެ ބޯޓަކަށް ހަމަލާ ދޭނެ ކަމަށާއި އެއީ ކޮންމެ ގައުމެއްގެ ބޯޓެއް ކަމަށް ވިޔަސް ނުބަލާނެ ކަމަށެވެ. އެ އިންޒާރާއެކު ހޫތީން ވަނީ ފާއިތުވި 15 ވަރަކަށް ދުވަހުގެ ތެރޭގައި 5 ބޯޓަކަށް ހަމަލާ ދީ 2 ބޯޓެއް ހައިޖެކް ކޮށްފައެވެ.
ހޫތީން ބޯޓުތަކަށް އަމާޒުކޮށް ހަމަލާ ދޭން ފެށި އިރު އެންމެ ފުރަތަމަ ހަމަލާތައް އަމާޒު ކުރީ އިޒްރޭލަށް ނިސްބަތްވާ ކާގޯ އުފުލާ ބޯޓުތަކަށެވެ. އެއަށް ފަހު ރަތްކަނޑުން އިޒްރޭލަށް ދާ ކޮންމެ ބޯޓަކަށް ހަމަލާ އަމާޒު ކުރަން ފަށާފައި ވުމުން އެމެރިކާއިން ދަނީ ސިއްރު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޫތީންނަށް އަސްކަރީ ހަމަލާއެއް ދިނުމަށްޓަކައި އެހީތެރިކަން ހޯދަން ސައުދީ އާއި ގަތަރުގެ އޮފިޝަލުންނާ އެމެރިކާއިން ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގެ ތަފްސީލުތައް ހާމަ ކޮށްފައި ނުވިނަމަވެސް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ, އަސްކަރީ އޮޕަރޭޝަނެއް ފެށުމާ ދާދި ގާތަށް ގޮސްފައި ވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. އެ އޮޕަރޭޝަންގައި އަދި މަޝްވަރާ ހިނގަނީ އެ 3 ގައުމުގެ މެދުގައި ކަމަށް ވިޔަސް, ރަތް ކަނޑުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފްރާންސާއި އިނގިރޭސި މަނަވަރުތަކުގެ އިތުރުން އެމެރިކާގެ މަނަވަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދުގެ ހަބަރުތައް ބުނާގޮތުން, ރަތްކަނޑުން ދަތުރު ކުރަމުން ދިޔަ ޑްރޯނެއް ފްރާންސުގެ މަނަވަރަކުން މިއަދު ވަނީ ގޮއްވާލައި ވައްޓާލާފައެވެ.
ގާޒާ ހަނގުރާމައާ އެކު އިޒްރޭލަށް ދިމާވެފައި ވާ މި ނުރައްކަލާ ހުރެ އެމެރިކާ ކަންބޮޑުވެފައި ވާ އިރު, ރަތް ކަނޑަށް ނޭޓޯގެ ފްލީޓެއް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް އެބަދެއެވެ.
ހޫތީންނަކީ ހަތިޔާރުއެޅި ޔަމަނުގެ ލަޝްކަރެކެވެ. ޔަމަނު ސަރުކާރާ ނުގުޅި ވަކިން އޮޕަރޭޓު ކުރާ އެ ޖަމާއަތުގެ އަތުގައު ކުރު ރާސްތާ, އަދި މެދު ރާސްތާގެ އިތުރުން ދުރު ރާސްތާ މިސައިލާއި, އަސްކަރީ މަތިންދާ ބޯޓާއި އެނޫންވެސް ޒަމާނީ ހަތިޔާރު އެބަހުއްޓެވެ. ޔަމަނަކީ ސައުދީގެ ބިއްދޮށުގައި އޮންނަ ގައުމަކަށް ވާއިރު, ސައުދީ ހުރަސްކޮށް ރަތްކަނޑަށް އަދި އިޒްރޭލަށް ހަމަލާ ދިނުމުގެ ގާބިލުކަން ހޫތީންގެ އަތުގައި އެބައޮތެވެ.
ގާޒާގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމައިގައި ބައިވެރިވިކަން ހޫތީން އިއުލާން ކުރިތާ 30 އަކަށް ދުވަސް ވެފައި ވާ އިރު, އިގްތިސޯދީ ގޮތުން އިޒްރޭލަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަމުން ދަނީ ހޫތީންގެ ފަރާތުންނެވެ. އެތައް މިލިއަން ޑޮލަރެއްގެ މުދާ ހިފައިގެން ދަތުރު ކުރާ ބޯޓު ފަހަރަށް ހަމަލާ ދޭއިރު, މީގެ ކުރިން އަތުލި 2 ބޯޓަކީވެސް މިލިއަން ޑޮލަރުގެ މުދާ ބަރުކޮށްގެން ދިޔަ 2 ބޯޓެވެ.
ހޫތީން އެފަދަ އޮޕަރޭޝަންތައް ހިންގަނީ, ބޯޓަށް އަމާޒުކޮށް ހަމަލާ ދިނުމަށް ފަހު ހެލިކޮޕްޓަރުގައި ގޮސް ބޯޓަށް ފައިބައި ބޯޓު ހައިޖެކް ކުރަމުންނެވެ.
އެގޮތަށް އަތުލައި ނުވަތަ ހަމަލާ ދޭ ބޯޓުތަކުގެ ތެރޭގައި ތެޔޮ ބަރުކޮށްގެން ދާ ބޯޓުފަހަރުވެސް ހިމެނޭ އިރު ހޫތީންގެ ހަމަލާތައް އަމާޒުވާ ބަބް އަލް މަންދަބް ކަނޑުއޮޅިއަކީ އެންމެ ގިނަ އަދަދަކަށް ތެޔޮބޯޓު ދަތުރު ކުރާ އެއް ކަނޑުއޮޅިވެސް މެއެވެ.
ދާދިފަހުން ހޫތީން ހަމަލާ ދިން 3 ބޯޓަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ބޯޓުތައް އޮއްވާ ހަމާދިން 3 ބޯޓެވެ. އަނެއް 2 ބޯޓަށް ހަމަލާ ދިނީ ޔަމަން ކައިރިންނެވެ.
މި މައްސަލައިގައި އިޒްރޭލުން ބުނެފައި ވަނީ އެއީ އީރާން އަޑީގައި އޮވެގެން ހިންގާ ޖަރީމާއެއް ކަމަށާއި ބައިނަލްއަގުވާމީ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފައި ވާ ކަމަށެވެ.
ޒައިނިސްޓުން ހިންގާޖަރީމާ އެމީހުނަކަ ނޭގޭ ޒައިނިސްޓުންނާއި ދެކޮޅަ އެހެންބަޔަކު ކަމެއް ކޮއްފީޔާގާނޫނޭ މުންޖޭ އެބަކިއާ މީކިހާބޮޑު ބަލާވެރިކަމެއް