ދިވެހި ގައުމިއްޔަތު އިޔާދަކޮށް ކުރިއެރުވުމަށްޓަކައި ތިން އިދާރާ އެއް ގާއިމްކުރުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އާންމު ސިޔާސަތުތަކާ ބެހޭ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ، މި ސަރުކާރުން އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ތަރައްގީ އަށް ވެސް އިސްކަން ދޭނެ ކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މައިގަނޑު އެއް ވައުދަކީ ގައުމިއްޔަތު އިޔާދަކުރުން ކަމަށެވެ.

އެހެންކަމުން ގައުމިއްޔަތު އިޔާދަކުރުމަށް ތިން އިދާރާ އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ގާއިމްކުރަން ނިންމި ތިން އިދާރާ އަކީ:

  • ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު: ފިރުޒުލް ވިދާޅުވީ، މި އިދާރާ އިން ގައުމިއްޔަތުގެ ބަހާތަކާއި ތަރިކަ ދިރާސާކުރުމަށް ހާއްސަ ދިރާސާވެރިން ތިބޭނެ ކަމަށާއި، އެ ބޭފުޅުން ތަފާތު އިލްމީ އުފެއްދުންތައް އުފައްދަވައި ޝާއިއުކުރައްވާނެ ކަމަށް
  • ގައުމީ ތަރިކައިގެ ކޮލެޖު: މި އިދާރާ އިން ހާސިލުކުރަން ބޭނުންވާ މަގްސަދަކީ ފިރުޒުލް ވިދާޅުވި ގޮތުގައި، ދިވެހި ގައުމިއްޔަތުގެ އިލްމު ދިވެހިންގެ މެދުގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރި ޖީލެއް ބިނާކުރުމާއި އެކަމަށް މަސައްކަތްކުރުން
  • ގައުމީ ޗާޕުޚާނާ: މި އިދާރާ އިން ކުރާނީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ތަރިކައިގެ ކޮލެޖުން ކުރާ މަސައްކަތްތައް ޝާއިއުކުރުމާއި، ޕޮޑްކާސްޓް ޒަމާނީ އުފެއްދުންތައް ޝާއިއުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި

ގައުމިއްޔަތު އާލާ ދިރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. މި ވައުދުގެ ދަށުން ރައީސް ވަނީ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް ނިންމެވުމުގެ އިތުރުން، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ގައުމީ ސަލާމުން ފެށޭ ގޮތް ހެއްދެވުމަށް ނިންމަވައިފައެވެ. މީގެ އިތުރުން، ދިވެހި ބަހަށް ހާއްސަ ވުޒާރާ އެއް ވެސް މި ސަރުކާރުން ވަނީ އުފައްދައިފައެވެ.