22 ވަޒީރުންގެ ނަން އެއްފަހަރާ ތަޅުމަށް ފޮނުވައި ވަކިވަކިން ވޯޓަށް އަހަން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީ އަށް ދެ ހުށަހެޅުމެއް ފުރަތަމަ ހުށަހެޅުނެވެ. އެއީ:

  • ހުރިހާ ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ހުށަހެޅުއްވި ހުށަހެޅުއްވުން (ނަމަވެސް ޝިފާއުގެ ހުށަހެޅުމަށް ތާއީދުކުރައްވައި ތާރިގުގެ ހުށަހެޅުއްވުން ވަނީ އަނބުރާ ގެންދަވާފައި)
  • ހުރިހާ ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ހުށަހެޅުއްވުން

ދެ މެންބަރުން ވެސް ފާހަގަކުރެއްވި ގޮތުގައި، ކޮމިޓީ އަށް ސަރުކާރުން ހުށަހެޅި ލިޔެކިއުންތައް ބެލިބެލުމުން، ވަޒީރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް 22 ވަޒީރުންގެ ވެސް ފުރިހަމަވެއެވެ.

ޝިފާއުގެ ހުށަހެޅުން ތަފްސީލުކުރައްވައި ވިދާޅުވީ، ހުށަހަޅުއްވަނީ ކޮމިޓީން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައި، ތަޅުމުގައި ވަކިވަކިން ކޮންމެ ވަޒީރަކަށް ވޯޓަށް އެހުމަށެވެ. އެ ހުށަހެޅުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރެއްވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރަނގަޅު އުސޫލަކީ ކޮމިޓީން ވަކިވަކިން ނަންތައް ފާސްކޮށް ތަޅުމަށް ވަކިވަކިން ފޮނުވުން ކަމަށެވެ. މިދިޔަ ސަރުކާރުތަކުގައި ތިއްބެވި ވަޒީރުންގެ ވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، ވަކިވަކިން ނަންތަކަށް ރުހުން ދޭން ގޮވާލައްވަނީ ސަރުކާރުގެ އެތެރެއިން ކުރާ ވައްކަންތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް ހުށަހެޅުމެއްގެ ގޮތުގައި ޖާބިރު ހުށަނާޅުއްވާތީ މި ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

އެހެންކަމުން ކޮމިޓީން ނިންމީ ޝިފާއު ހުށަހެޅުއްވި ގޮތަށް، ކޮމިޓީން ވަޒީރުންގެ ހުރިހާ ނަމެއް ފާސްކޮށް، ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދޭން ފާސްކޮށް ތަޅުމުގައި ވަކިވަކިން އަހާ ގޮތަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން އިދިކޮޅު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އިއްތިފާގުވެފައިވާ ކަމަށް، ބައެއް މަސްދަރުތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. މިކަން އެ ޕާޓީގެ ބައެއް މެންބަރުން ކަށަވަރު ވެސް ކޮށްދީފައިވެއެވެ.