ކުޑަކުދިންނާއި ނޫސްވެރިންނާއި އާންމުން ހިމެނޭހެން އެތައް ބަޔަކު ބަރަހަނާކޮށް ގާޒާގެ މަގުމަތީގައި ބައިތިއްބާ އިޒްރޭލުން ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތަކަށް ހުއްޓުމެއް ނެތް އިރު، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ ގެ ސަލާމަތި މަޖިލީހަށް ހުށަހެޅި ގަރާރު މިފަހަރުވެސް އެމެރިކާއިން ބޭރު ކޮށްލައިފިއެވެ.

ވީޓޯ ބާރު ލިބިފައިވާތީ އޭގެ ބޭނުންކޮށްގެން ގަރާރު ބޭރު ކޮށްލި އިރު، ފާއިތުވި 24 ގަޑިއިރަކީވެސް ގާޒާގެ ރައްޔިތުންނަށް 'ދުނިޔެ މަތީގެ ނަރަކަ' އެއްފަދަ ވަގުތު ތަކެކެވެ. ޖުމްލަ 310 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުން ގެންދަނީ އެމެރިކާއިން ފޯރުކޮށް ދޭ ހަަތިޔާރުންނެވެ.

މިހާތަނަށް 17،487 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު ކުޑަކުދިންގެ އަދަދު 7000 އިން މައްޗަށް ވަނީ އަރާފައެވެ.

ވޯލްޑް ފްޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ، ފަލަސްތީނުގެ ިވަގުތުގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި ކާބޯތަކެއްޗާއި، ބޯފެނާއި ބޭސް ލިބުން ހުއްޓި، ގެދޮރު ގެއްލި ގިނަ ބަޔަކު މަގުމަތީގައި ތިބި ކަމަށެވެ.

މިހާތަނަށް 100 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާފައި ވާ އިރު، ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 64 މީހަކު މަރާލާފައި ވާ ކަމަށް ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން ބުނެއެވެ.

ގާޒާގެ އުތުރު އެއްކޮށް ފުނޑުފުނޑު ކޮށްލުމަށް ފަހު މިހާރު ހަމަލާތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ ދެކުނުން ރަފާ އާއި ހާން ޔޫނިސް އަށެވެ. މިއަދު އަލިވިލިގެން އައީވެސް އިޒްރޭލުން އަޅަމުން ދިޔަ ބޮންތަކުންނެވެ. އެތައް ބަޔަކު ޝަހީވެ އަދި އެތައްހާސް ބަޔަކު ޒަހަމްވަމުން ދާ އިރު، ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދޭ އދ ގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނީ، ގާޒާގައި ހަރަކާތްތެރިވާ އެ އިދާރާގެ 100 އަށް ވުރެ ގިނަ މުވައްޒަފުން މަރުވެފައި ވާ ކަމަށާއި، މިވަގުތު އެހީގެ ތަކެތި ގާޒާއަށް ވެއްދުން އިޒްރޭލުން މަނާ ކޮށްފައި އޮތުމުން، ގޮތް ހުސްވެފައި ތިބި ކަމަށެވެ.

ހަމަލާ ހުއްޓާލުމަށް ގޮވާލައި ގަރާރު އެމެރިކާއިން ވީޓޯކޮށް ބޭރު ކޮށްލުމުން ފާޑުކިޔުންތައް އިތުރުވެފައި ވާ އިރު، އެގައުމުގެ ހާރިޖީ ވަޒީރު މިހާރުވެސް އުޅުއްވަނީ، އަރަބީންގެ ތާއީދު ހޯއްދެމުގެ މަސައްކަތުގައެވެ. ފާޅުގައި އެމެރިކާ އާ ދެކޮޅަށް އަރަބިން ތެދުވިޔަ ނުދިނުމުގެ މަސައްކަތުގައި އެމެރިކާއިން އަވަދި ނެތި އުޅެމުން ގެންދާ އިރު، ވީޓޯ ކުރި މައްސަލައިގައި ފަލަސްތީނު އޮތޯރިޓީ [ޕީއޭ] އިން ވަނީ އެއީ ހުތުރު އަދި ލަދުވެތިކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ސައުދީން ބުނެފައި ވަނީ، އެމެރިކާއިން ގެންގުޅޭ ގާޒާ ސިޔާސަތުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަމަސަލަސް ކަމަށް އަސަރު ކޮށްފައި ވާ ކަމަށާއި ނުރައްކަލެއްގެ ތެރެއަށް ހުށަހެޅެމުން ދާ ކަމަށެވެ. އެހެން ކަމުން ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިް ބާރު އަޅަން ޖެހޭ ކަމަށާއި، ގާޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ވެއްދޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މި ހަނގުރާމައިގައި ސުލްހައިގެ މަގަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ގަތަރުން ބުނެފައި ވަނީ، މަޝްވަރާގެ މަގު ހިޔާރު ކޮށް ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. މީގެ ކުރިންވެސް ގަތަރު މެދުވެރިވެގެން ވަނީ 7 ދުވަހަށް ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލް އަދި އެމެރިކާ އެއްބަސް ކުރުވާފައެވެ.