އަމީނީ މަގުގެ ފަހު 2 ސެޖްމެންޓްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޮމްޕެނީ (އާރްޑީސީ)އިން ފަށައިފިއެވެ.

އާރްޑީސީއިން 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އަމީނީ މަގުގެ 12 އަދި 13 ވަނަ ސެޖްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު އެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ އާރްޑީސީގެ މޭނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.

ކުރީ ސަރުކާރުން ފެށި އަމީނީ މަގުގެ މަސައްކަތް ނިންމާފައި ވަނީ ހައުސިން މިނިސްޓްރީގެ އިމާރާތް ހުރި ހިސާބަށެވެ. ފަހު ދެ ސެގްމަންޓްގެ މަސައްކަތަކީ އެ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އަމީނީ މަގު ހެދުމުގެ މަސައްކަތެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެމަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެ މަގުގެ 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. ދައުރު ނިމެން ވާ އިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ނިންމިފައެއް ނުވެއެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސްޕީޑަކީ އަމީނީ މަގު ހަދާ ސްޕީޑްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ހުއްޓާ ނުލައި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ އަވަހަށް ނިންމާނެ މަޝްރޫއުތަކުގެ ތެރެއިން އަމީނީ މަގުގެ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ.