ރާއްޖޭގައި މިހާރު ހުރި ފުރުސަތުތަކަށް ބަލާއިރު، ފެނުގެ މާކެޓަށް ނިކުމެ ބޯފެން އުފައްދައިގެން ވިއްކައިގެން ސްޓޭލްކޯގެ ވިޔަފާރި ފުޅާ ކުރެވިދާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުގައި ސްޓެލްކޯގެ ވިޔަފާރި ފުޅާކުރުމަށް ގެންގުޅުއްވާ ވިސްނުންތައް ފަހުމީ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ކުންފުންޏަކީ ދައުލަތުގެ ކުންފުންޏެއް ކަމުން ވިޔަފާރި ފުޅާ ކުރާ އިރު ބަލަންޖެހޭ ކަންކަން ހުރި ކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ، އެންމެ ބޮޑު ކަމަކަށް ބައްލަވާނީ ކުދި ވިޔަފާރިތަކަށް އަސަރު ނުުކުރާ ފަދަ މަސައްކަތަކަށް ދިއުން ކަމަށެވެ.

އެގޮތުން ދައުލަތުގެ ކުންފުންޏަކުން ފަށާ މަސައްކަތެއް ވާންވާނީ އެހެނިހެން ވިޔަފާރިތައް ހަލާކު ނުވާ ވަރުގެ ވިޔަފާރިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނިހެން ވިޔަފާރިވެރިން ކުރާ ވިފާރިތަކަށް ސްޓެލްކޯއިން ވަންނަ ނަމަ ލިބޭ ގެއްލުން މާ ބޮޑު ވާނެ ކަމަށާއި އޭރުން އިގްތިސޯދަށް ވާ ގެއްލުން ވެސް ބޮޑުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"ސްޓެލްކޯ ކަހަލަ ދައުލަތުގެ ކުންފުންޏެއް ޑައިވާސިފައި ކުރާ އިރުގައި ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާ ގޮތަށް އަޅުގަނޑުމެން ބަލަން ވާނެ، ކުދި ވިޔަފާރި ވެރިން ކުރާ ވިޔަފާރިތަކަށް ނުވަދެ ޑައިވާސިފައި ކުރެވޭނެ ގޮތްތައް ބަލަން ޖެހޭނެ."
ހުސައިން ފަހުމީ

ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކުރެވިދާނެ ކަންކަން އެބަހުރި ކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ، ފެން އުފެއްދުމަކީ ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިހާރު ވެސް 900 ޓަނުގެ ފެން އުފެއްދެން އެބަ ހުރި ކަމަށާއި އެއީ 5 މިިލިއަން ޑޮލަރުގެ މެޝިނަރީ ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން އުފައްދާ ފެނަކީ އިންޖީން ކޫލިން އަށް ބޭނުންކުރާ ފެން ކަމަށާއި ނަމަވެސް ބޮޑު ސްޓޮކެއްގެ ބޯފެން ތައްޔާރު ކުރެވޭ ވަރުގެ ކެޕޭސިޓީ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބޯ ފެން އުފައްދާ ބޮޑެތި ގެލަންތަކުގައި ޕެކްކޮށްފައި މާކެޓް ޕްރައިސްގައި ވިއްކިދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މާކެޓް ޕަރައިސްގައި ވިއްކަން ހުށަހަޅުއްވާ ސަބަބު ހާމަ ކުރައްވަމުން ފަހުމީ ވިދާޅުވީ، އަގު ހެޔޮކޮށް ވިއްކައިފި ނަމަ އެހެން ކުންފުނިތަކަށް ގެއްލުން ވާނެ ކަމަށާއި އެއީ ސްޓެލްކޯއިން އެ ކަން ކުރަންވާނެ ގޮތް ނޫން ކަމަށެވެ.

ރާއްޖެއަކީ ފެން އުފައްދާ މާ ގިނަ ކުންފުނިތައް ހުރި ތަނެއް ނޫން ކަން ފާހަގަ ކުރައްވަމުން ފެން އަގު ހެޔޮކޮށް ވިއްކައިގެން އެހެން ކުންފުނިތަކަށް ގެއްލުން ވެއްޖެނަމަ ދިމާވެދާނެ މައްސަލައަށް ވެސް ފަހުމީ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެއިން އެންމެ ކުންފުންޏެއް މިއަދު ހުއްޓާލަން ޖެހުނަސް މިއަދު ދިވެހިން ފެނަށް ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް ވިސްނާލާ އިރު، ހުކުރު ދުވަސް ދުވަހާއި ރޯދަ މަހަަކީ ފެނުގެ ޑިމާންޑް އުފުލިގެން ދާ ދުވަސްވަރެއް ކަމަށާއި، އެ ފަދަ ދުވަސްވަރުގައި ފެން ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން ފެން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ފެން އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފަހުމީ ފާހަގަ ކުރެއްވިއެވެ. އަދި ފެނުގެ މާކެޓަކީ ސްޓެލްކޯއިން ވިޔަފާރި ފުޅާ ކުރުމަށް ކުރެވިދާނެ ކަމެއްގެ ކަމަށާއި ފެން އުފެއްދުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި ނަމަ، ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެން ދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިއީ ކުރެވިދާނެ ކަމެއްތޯ ބައްލަވައި ދިރާސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ވަގުތު އެންމެ މުހިއްމީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. ފެން އުފެއްދުމުގެ ވިޔަފާރިއަށް ވަނުމަށް ވިސްނަވާނީ ވެސް އެއަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.