ސްޓެލްކޯގެ ކަރަންޓު ބޭނުން ކުރާ ދައުލަތުގެ މުވައްސަސާތަކުން ލިބެންޖެހޭ ފައިސާ ހުރި ކަމަށާއި ފައިސާ ނުލިބިގެން ކަރަންޓް ކަނޑާލުމަކީ ހައްލެއް ނޫން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އަށް ފައިސާ ލިބެން ޖެހޭ ގޮތަށް ސްޓެލްކޯއިން ދައުލަތަށް ދޭން ޖެހޭ ފައިސާވެސް ހުރި ކަމަށާއި، އޭނާ ގަބޫލު ކުރައްވާ ގޮތުން ދައުލަތުން ދައުލަތަށް [އެއް މުވައްސަސާއިން އަނެއް މުވައްސަސާއަށް] ފައިސާ ނުލިބި ލަސްވަނީ ދައުލަތުގައި ވެސް ފައިސާ ނެތުމުން ކަމަށެވެ.
އެގޮތުން ސްޓެލްކޯ އަކީ ކަރަންޓު ފޯރު ކޮށްދޭ ކުންފުނި ކަމަށް ވާއިރު، ކަރަންޓުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާ ހުންނާނެ ކަމަށާއި، ފައިސާ ނުދައްކައިގެން އެފަދަ އިދާރާއަކުން ކަރަންޓު ކަނޑާލަން ނުވިސްނަވާ ކަމަށެވެ.
"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަހުމީ މިހެން ވިދާޅުވި ނަމަވެސް އެ ކުންފިނިތަކާއި އަދި ދައްކަން ޖެހިފައި އޮތް ފައިސާގެ އަދަދުތައް އޭނާ ހާމައެއް ނުކުރައްވައެވެ.
ދައުލަތުގެ ފައިސާއަކީ ލިބެން ޖެހޭ އެއްޗެއްކަން ފާހަގަކުރެއްވާ ފަހުމީ ވިދާޅުވީ، ފައިސާ ނުދެއްކިގެން އުޅެނީ ދިވެހި ދައުލަތުގައި ފައިސާ ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެފަދަ ހާލަތެއް އޮތް ނަމަވެސް ދައުލަތުގެ ކުންފުނިތަކުންނާއި އިދާރާތަކުން ކަރަންޓު ކަނޑާލުމަކީ ހައްލެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި އެހެން ކަމުން ކަރަންޓް ކަނޑާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާ ވާހަކަދައްކަން ޖެހޭ ކަމަށާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް ވިދަޅުވިއެވެ.
ސްޓެލްކޯގެ ކަރަންޓް ބޭނުން ކޮށް ފައިސާ ނުދައްކާ ހުންނަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތި ވެފައި ވެއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ކަރަންޓު ބިލުތައް ނުދައްކާ މައްސަލަ އާއި ޕަބްލިކް ސާވިސް މީޑިއާ [ޕީއެސްއެމްއިން] ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެ މީގެ ކުރިން ކަރަންޓް ކަނޑާލާފައި ވެސް ވެއެވެ.
އެކަމާ ގުޅިގެން އޭރުގެ މާލެ ސިޓީގެ މޭޔަރު އަދި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަޖެޓްގެ ދަތިކަމާ ހުރެ ފެން ބިލާއި ކަރަންޓު ބިލް ނުދެއްކި ހުރި ކަމަށެވެ.