ސްޓެލްކޯގައި ބޭނުންވާ ވަރަށް ވުރެ މުވައްޒަފުން ގިނަ ކަމަށާއި ނަމަވެސް މުވައްޒަފުން ވަޒީފާއިން ކަނޑާލައި މަގުމަތިކޮށް ނުލައްވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، މުވައްޒަފުން މަދުކުރުން އެއީ މިވަގުތު ހައްލެއް ނޫން ކަމަށާއި އެތަނުގައި ތިބީ ޒުވަނުން ކަމަށް ވެފައި މުވައްޒަފުން ކަނޑާލުމުގެ ބަދަލުގައި މުވައްޒަފުން އިތުރަށް ޓްރެއިން ކޮށްގެން ނަމަވެސް އެކި ދިމާދިމާއަށް ބޭނުން ކުރެވޭތޯ، އެ މުވައްޒަފުންނާއެކު އިގްތިސާދީ އާ މަސައްކަތެއް ފެށުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

މުވައްޒަފުން ވަޒީފާއިން ކަނޑާލުމަކީ އެމީހުން މަގުމަތިކޮށްލުން ކަމަށާއި އެއީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ކަނޑާލައިފިއްޔާ މަގުމަތި ވާނީ، އެއްވެސް ބޭފުޅަކު ނޭދޭނެ، އެއްވެސް މަޔަކު ނޭދޭނެ ކަންނޭންގެ ދަރިފުޅު ކަނޑާލާކަށް، މަގުމަތިކޮށްލާކަށް، މަގުމަތިކޮށްލީމާ މިވަގުތު ވަޒީފާލިބޭނެ އެހެން ދިމާލެއް ވެސް ނެތް، ދައުލތު ހުރިހަ ކުންފުންޏެއްގެ ވެސް މިވަނީ މިހާލަތުގައި، ވަޒީފާއިން ކަނޑާނުލާ، އަޅުގަނޑުމެންނަށް ގެންގުޅެވޭތޯ ބަލަން ބޭނުންވަނީ،
ފަހުމީ

ފަހުމީ ވިދާޅުވި، 2018 ވަނަ އަހަރު ސްޓެލްކޯގައި 700 އަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް މިހާރު އެއަދަދު 1700 އަށް ވުރެ މަތިވެފައި ވާ ކަމަށެވެ. މި 5 އަހަރު ދުވަހުގެ ތެރޭގައި 1000 އެއްހާ މުވައްޒަފުން އިތުރުވެފައިވާ ކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ މުވައްޒަފުން އިތުރުވި ނަމަވެސް ރެވިނިއު ][އާމްދަނީ] އިތުރު ނުވާ ކަމަށެވެ.

2018 ވަނަ އަހަރު ކުންފުނީގައި ތިބީ 700 އަށް ވުރެ ގިނަ މީހުން، މިހާރު އެބަތިބި 1700 އަށް ވުރެ ގިނަ މީހުން، އެހެންވީމާ 5 އަހަރު ދުވަހުގެ ތެރޭގައި 1000 އެއްހާ މުވައްޒަފުން މި އިތުރުވީ، އހެންމަނަވެސް އަޅުގަނުމެންގެ ރެވިނިއު ޑަބަލްއެއް ނުވޭ،
ފަހުމީ

ފަހުމީ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ތަނާ ނުބައްދަލުކޮށް މުވައްޒަފުން ނެގި ނަމަވެސް އެ މުވައްޒަފުން ކަނޑާ ނުލައްވާނެ ކަމަށާއި ސްޓެލްކޯ ދެމި އޮންނާނީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން އުޅޭ ކުންފުންޏެއް ގޮތުގައި ކަމަށެވެ.