ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރާހިމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެ ކޯލިޝަންގެ ސެނެޓު ބައްދަލުވުމުގައި ނިންމި ކަންކަން ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ބައްދުލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ޕްރައިމަރީގައި ވޯޓު ދެވޭނީ އަދި ކުރިމަތިލެވޭނީ ކޯލިޝަންގައި ހިމެނޭ 2 ޕާޓީއިން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ތިއްބެވި ބޭފުޅުންނަށް ކަމަށެވެ. އެހެން ޕާޓީއަކުން އެ ކޯލިޝަންގެ ޓިކެޓުގައި ދާއިރާތަކުން ކުރިމަތިލާން ބޭނުންވާނަމަ ޖެހޭނީ ޕްރައިމަރީގައި ވާދަ ކުރައްވަން ކަމަށާއި އެމްޑީއޭ އަދި އެމްއެންޕީއަށް ވަކި ދާއިރާއެއް ކަނޑައަޅައި ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީއާއެކު މަޝްވަރާ ކުރެވުނު ނަމަވެސް ބައްދަލުވުމުގައި ނިމުނު ގޮތަށް އެ ޕާޓީއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި ފަހުން އިތުރު ބައްދަލުމެއް ބާއްވާފައި ނުވާ ކަމަށް އަދުރޭ ވިދާޅުވެފައި ވާއިރު، ކުރީގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ އެކީގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގައުމީ މަސްލަހަތު އިސްކޮށް ގައުމީ ކަންކަމުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން އަދުރޭގެ ފާހަގަ ކުރެއްވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މަސައްކަތް ކުރައްވަނީ މި ސަރުކާރު ދެމެހެއްޓުމަށްޓަކައި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދަން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ޕާޓީއެއް އުފެއްދެވި ނަމަވެސް ކޯލިޝަންއަށް އަސަރު ނުކުރާ ކަމަށާއި (މެންބަރުން ނުގެއްލޭނެ ކަމަށާއި) މެންބަރުން އިތުރުވަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެއެވެ. ފޯމިއުލާއަކީ ގަދައަޅައި މަސައްކަތް ކުރުމާއި ވި ވައުދުތައް ފުއްދުމުގެ އިތުރުން މި ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕަށް ވެސް އެއްވެސް އުނިކަމެއް ނާންނަ ކަމަށާއި އިންތިހާބަށް ނުކުންނާނީ ވާދަވެރި ކެންޑިޑޭޓުން ތިބޭނެކަން ދަނެ، ވާދަކޮށް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އެ ކޯލިޝަންގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު މެންބަރުން ޕާޓީ ދޫކޮށް ނުދާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށެވެ.