ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މަސައްކަތްކޮށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ކާމިޔާބު ކުރެވޭނެ ކަމަށް ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަނަވަސް ޖާގަ ބޮޑު ތަނެއް ޕާޓީ ހިންގުމަށް ލިބިގެން ދިއުމަކީ ޕާޓީ ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ ޕާޓީގެ އޮފީހުގެ މަސައްކަތް ކުރެއްވި ލީޑާޝިޕުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ފަށައިގަނެ، ޕާޓީގެ ޖަލްސާއެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކަމަށާއި މިއީ މުހިންމު ފެށުމެއް ކަމަށެވެ. އަދި މިރޭ އޮންނަ ސެނެޓު ބައްދަލުވުމުގައި، ކުރިއަށް އޮތް އިންތިހާބުތަކަށް 2 ޕާޓީ އެއްކޮށް ގުޅިގެން ކުރެވޭ މަސައްކަތްތަކުން މުޅި ރާއްޖެ އެއްކޮށް ރުކުރުވާލެވިގެން ދާނެ ކަމަށެވެ.
މަސައްކަތް ކުރައްވާނީ ގައުމީ ޖޯޝާއި ވިސްނުމުގައި ގައުމު އިސްކޮށްގެން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އޭގެ ނަތީޖާއަކަށްވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީ ގުޅިގެން ބޮޑު ނަތީޖާއަކުން އިންތިހާބު ކާމިޔާބުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ސުޕާ މެޖޯރިޓީ ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަން ކުރުމަށް ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެ ގޮންޖެހުންތައް ވާންނާވާނީ ޕާޓީގެ ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ކަމަށެވެ. ނިޔަތަކީ ދީނާއި ގައުމަށްޓަކައި އަދި ގައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.