ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެ 'އެއްބަސްވުން' ހާމަކުރުމަށް ގޮވާލައި އެމްޑީޕީން މައްސަލައެއް ހުށަހަޅައި މަޖިލީހުގައި މިއަދު ބަހުސްކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި ގޮވާލާފައި ވަނީ، އިންތިހާބުގެ ދުވަސްވަރު ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނާނެ އެތައް 'އަޑިނޭނގޭ' އެއްބަސްވުންތަކެއް ކުރީ ސަރުކާރުން ވެފައިވާ ކަމަށާއި، މި ފަހުން ދުބާއީގައި އޮތް ކޮޕް-28 ސަމިޓުގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ ބައްދަލުކުރެއްވުމަށް ފަހު އެނބުރި ވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައި ވާތީ އެ އެއްބަސްވުން ހާމަކުރުމަށެވެ.
މައްސަލަ ހުށަހެޅުއްވި އަހްމަދު ވިދާޅުވީ، މިހާ ހިސާބަށް އައިއިރު މިލިޓަރީ ވިސާގައި ތިބި ސިފައިންގެ އަދަދާއި، ހަތިޔާރު ހުރި ތަނާއި ހަތިޔާރު އެޅި ސިފައިން ތިބި ސަރަހައްދު ސަރުކާރުން ހާމަނުކުރާ ކަމަށާއި، ނަމަވެސް ބައެއް ޕްރެސް ކޮންފަރެންސްތަކުގައި ސަރުކާރުން ދައްކާ ވާހަކަތަކުގެ ސަބަބުން މައުލޫމާތު އޮޅިއްޖެ ކަމަށެވެ.
އަހްމަދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކަންބޮޑުވުން މި ކަމުގައި އޮތުމުން ސަރުކާރުން ހަގީގަތް ހާމަކުރަން ޖެހޭނެއެވެ. އެހެންކަމުން އޭނާ ވަނީ ރައީސް މޯދީ އާ ކުރެއްވި މަޝްވަރާތަކަށް ފަހު ވެފައިވާ 'އެއްބަސްވުން ހާމަކުރުމަށް ގޮވާލައްވައިފައެވެ.
"މިފަދަ ވާހަކަތަކުން ރައްޔިތުންނަށް ލިބޭ، ނުވަތަ ރައްޔިތުންނަށް އަރާ އޮޅުންތަކުގެ ސަބަބުން ނިންމާ ނިންމުންތަކަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަދަލުވާން ޖެހިފައިވާ ކަމެއް އަދި ބަދަލުކުރަން ޖެހިފައިވާ ކަމެއް، ރައްޔިތުންނަށް އޮޅުވާލައިގެން މިފަދަ ކަންތައްތައް ކުރުމަށް ޖާގަ ދެވިގެން ދިނުމަކީ އެއީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުުގައި މިއަދު ހުއްޓުމަކަށް ގެންނަން ޖެހިފައިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ، ރައީސް އިތުރުފުޅު ހައްދަވައި އަވަށްޓެރި ގައުމުތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ސާބިތުކޮށްނުދެވިއްޖެ ނަމަ، މަޖިލީހުން ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމަން ޖެހޭ ކަމަށެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގައުމިއްޔަތާއި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ވާހަކަފުޅު ރައީސް ތަކުރާރުކޮށް ދެއްކެވި ކަމަށާއި، ނަމަވެސް މިއަދު ރައީސްގެ ވާހަކަފުޅު ބަދަލުވެއްޖެ ކަމަށެވެ.
އަހްމަދުގެ ވާހަކަ އަށް ބާރު ދެއްވައި ޔާސިރު ވިދާޅުވީ، 'އަޑިނޭނގޭ' އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް އަދިވެސް އެއްވެސް މައުލޫމާތެއް ހާމަނުކުރައްވާ ކަމަށެވެ. އެހެންކަމުން ރައީސް ހެއްދެވީ އިތުރުފުޅެއް ކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ އަށް ބަހުސްކުރައްވައި ބައެއް މެންބަރުން ސަރުކާރު ދިފާއުކުރައްވާފައި ވެސް ވެއެވެ. އެގޮތުން ފޮނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މި ސަރުކާރުން އިންޑިއާ އާ އެކު ވެފައިވާ އެއްބަސްވުންތަކާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރާނެ ކަމަށާއި، ސަރުކާރާއި އެއްވެސް ގައުމަކާ ދެމެދު މައްސަލައެއް ނުޖެހޭ ކަމަށެވެ.
ސިރާޖު ވަނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް، ސަރުކާރުން އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"ދިވެހީން ނޭދޭ ދިވެހި ގައުމުގަ އެއްވެސް ގައުމެއްގެ ސިފައިން ތިބޭކަށެއް،" ސިރާޖު ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވެސް ވަނީ، އިންޑިއާގެ ސިފައިން ތިބި އަދަދު ސަރުކާރުން ހާމަކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މިއަދު އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ނޫސްތަކުން ސަމާލުކަން ހޯދުމަށްޓަކައި ކަމަށް، ނަސީމް ސިފަކުރެއްވިއެވެ.
އިންޑިއާގެ ސިފައިން ތިބި މައްސަލައިގައި ސަރުކާރުން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި، އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތަކުގެ ސަބަބުން ސަރުކާރުގެ ދުވެލި މަޑެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމެންޓްސްތައް ރަނގަޅަށް ނެތީމަ، އެކި މުއައްސަސާތަކުން މައުލޫމާތު ދެއްވަނީ އެކި އަދަދު، އަދި އެއްވެސް ލިޔުމަކާ ނުލާ ވެސް ބައެއް ބޭބޭފުޅުން ތިބިކަމަށްވޭ،" ނަސީމް ވިދާޅުވިއެވެ.
އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިންގެ އަދަދު އެއްކޮށް ސާފުވެވަޑައިނުގަންނަވާ ކަމަށާއި، ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތް ދިފާއީ ވުޒާރާ އާއި އިންޑިއާގެ ހައިކޮމިޝަން ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓީން ކުރަމުންދާ ކަމަށެވެ.