ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމަށް އެކަޑަމީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ، އެ އެކަޑެމީ އުފެއްދުމަށްޓަކައި މިހާރު ކޯސްތައް ފަރުމާކުރުމާއި، އެކްރެޑިޓޭޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އެކަޑެމީގެ މަސައްކަތްތައް ފަށާ އިރު، ކިޔަވައި ދޭން ހަމަޖެހިފައި ވަނީ ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ، އެކެޑަމީ ތައާރަފް ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ފާހަގަކުރާ ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ކަމަށެވެ.

މި އެކެޑެމީ އުފެއްދުމުގެ މަގްސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހޭނެހެން ތައުލީމާއި ތަމްރީނު ދިނުމާއި، އެ ދާއިރާއާއި ގުޅޭ ދިރާސާތައް އެކުލަވާލުމާއި، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.