19 ވަނަ މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ދެ ހަފުތާ އަށް ދަންމާލަން ގަސްދުކުރައްވާ ކަމަށް، މަޖިލީހުުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ތިންވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. މިދިޔަ މަހުގެ 27 ގައި ބޭއްވި ޖަލްސާ ފެށުމުގެ ކުރިން އަސްލަމް ވިދާޅުވީ، މާދަމާގެ ނިޔަލަށް ޖަލްސާތައް ކުރިއަށް ދާނެ ކަމަށާއި، ދައުރު ދަންމާލަން ނިންމީ ބަޖެޓު ފާސްކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށެވެ.

ނަމަވެސް އެ މަސައްކަތްތައް އަދި ނިމިފައި ނުވާތީ އާއި ބަޖެޓު ދިރާސާކުރާ ކޮމިޓީން މަޖިލީހުގެ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓު ރިޕޯޓު ހުށަހަޅަން ޖެހޭ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެ ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު، މަޖިލީހުގެ މި ދައުރު އިތުރު ދެ ހަފްތާ އަށް ދަންމާލަން ގަސްދުކުރައްވާ ކަމަށެވެ.

އެހެންކަމުން މި ހިނގާ ދައުރު ދަންމާލަން އަސްލަމް ގަސްދުކުރައްވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯޓު ގަޑީގައި އެކަމަށް އައްސަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ބޮޑު ބައެއް ހޭދަވީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިއެވެ.

އެހެންވެ ކޮމިޓީތައް ހުއްޓި ބިލުތަކުގެ މަސައްކަތްތައް ނުކުރެވުމުގެ އިތުރުން، ނަޝީދުގެ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ވެސް ފެށުނީ ލަހުންނެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ތިންވަނަ ދައުރު ހިނގަމުން ދާނީ މިދިޔަ މަހުގެ ނިޔަލަށެވެ.