އައިވީއެފް ޓްރީޓްމަންޓް ހިމެނޭ ހެން ދަރިމައިވުމަށް ކުރާ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ހެދޭ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ކެބިނެޓްގެ ބައްދަލުވުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ 10 ކަމެއް ކުރަން ނިންމައި ފާސްކޮށްފައެވެ. އެ ކަންކަމުގެ ތެރެއިން އާސަންދަ އާ ގުޅުން ހުރި ތިން ކަމެއް ކުރަން ނިންމާފައިވާ ކަން ހާމަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ހަދާނެ ކަމަށެވެ.
އެގޮތުން އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާން ކުރާނެ ކަމަށާއި ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއާސެންޓަރު ފުޅާކުރާނެ ކަމަށާއި އަދި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ހޮސްޕިޓަލްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ހާއްސަކޮށް ފަންޑެއް ކަނޑައަޅާނެ ކަމަށާއި އަންނަ އަހަރު ފާޓިލީޓީ ކެއާ ފަންޑުގެ ގޮތުގައި 30 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ކުރާ ބޭސްފަރުވާ އަކީ މީގެ ކުރިން އާސަންދަ މެދުވެރިކޮށް ދޭ ހިދުމަތެއް ނޫނެވެ. އެހެންކަމުން މިހާތަނަށް ރާއްޖޭގައި މި ހިދުމަތް ހޮދާ ހުރިހާ ފަރާތްތަކަށް ވެސް ޖެހެނީ އެކަމަށް އަމިއްލައަށް ހޭދަ ކުރާށެވެ.
އާސަންދަ ސްކީމްގެ ތެރެއިން މިއަދު ނިންމެވި ދެވަނަ ކަމަކީ އާސަންދައިގެ ދަށުން ކޮންމެ ދިވެއްސަކަށް މެޑިކަލް ޗެކްއަޕް ހެދުމެވެ. އާސަންދަ ހިދުމަތުގެ ތެރެއިން މެޑިކަލް ޗެކްއަޕް ހިލޭ ހެދޭ ގޮތަށް ނިންމާފައިވާ އިރު، އެ ހިދުމަތުގެ ތެރޭގައި އެކި އުމުރުފުރާތަކަށް ބަހާލައިގެން ތަފާތު ޕެކޭޖްތައް ތައާރަފް ކުރަން ވެސް ވަނީ ނިންމާފައެވެ.
އެގޮތުން ޑޮކްޓާރުން ދެ ލަފާގެ މަތިން އާސަންދައިގެ ދަށޫން އހަަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހަދައިދޭނެ ކަމަށް ވެސް ރައިސް މުއިއްޒު ވިދާޅުވިއެވެ. މި ކަން ކުރެވޭނީ ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ކަމުގައި ރާވައި ހަމައެއާއެކު އާސަންދައިގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ވެސް މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިކުރުމަށް އިސްކަން ދީފައިވާ ސިޔާސަތަށް އިސކަން ދީގެން ނިންމި ނިންމުމެއް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މި ކަން ފުރިހަމަ ކުރުމަށް މެޑިކަލް ޗެކްއަޕް ހެދުމަށް ބާރު އަޅައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކި އުމުރުފުރާތަކަށް ބަހާލައިގެން ހަދާ ޕެކޭޖްތައް އަދި ފަހުން އިއުލާން ކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ހިދުމަތް ހޯދާ އިރު، އެ ހިދުމަތް ދޭ ހޮސްޕިޓަލް ނޫން އެއަށް ވުރެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ހިދުމަތް ހޯދާ ނަމަ، ޑިފަރަންސްއަށް ދައްކަން ޖެހޭ ފައިސާ އަމިއްލަ އަތުން ކުރާ ގޮތަށް އޮތްއޮތުން ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައި ވަނީ އެކަމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހުގައި ކަމަށާއި ޑިފަރެންސަށް އަމިއްލަ އަތުން ދައްކަން ޖެހޭ ފައިސާ ދެން ދައްކާނީ އާސަންދައިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިކަން ހަމަޖައްސާ އިރު އާސަންދަ ސްކީމްގައި ޕެނަލް ކުރެވިފައިވާ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑް ކުރެވިގެން ދާނެ ކަމަށާއި މުއިއްޒު ވިދާޅުވިއެވެ. ބަލިމީހާ ބޭނުންވާ ހާލަތުގައި އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުވާ އިރު، ގްރޭޑް ބަދަލުވެގެންދާ އެ ތަފާތު އާސަންދަ ސްކީމްގެ ތެރެއިން ހަރަދު ހަމަޖައްސާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.