މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހަކު ހައްޖަށް ފޮނުވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވަނީ އެކަން ހާމަކުރައްވާފައެވެ.

ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ ވައުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މި އަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ހައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރައްވާނީ ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށް މިކަން ވެގެން ދިއުން ކަމަށެވެ.