މި ސަރުކާރަކީ 'ފޭރޭ ސަރުކާރެއް' ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ، 'ބަދަލުހިފުމުގެ' ރޫހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، މުވައްޒަފުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައަށް ބަހުސްކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސަރުކާރަކީ 'ފޭރޭ ސަރުކާރެއް' ކަމަށް ސިފަކުރައްވައި، މުވައްޒަފުން ވަކިކުރާނަމަ މަޖިލީހުގައި ސަރުކާރަށް ފަސޭހަނުވާނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވައިފައެވެ.
އެގޮތުން އެ މައްސަލައަށް ބަހުސްކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، އިންތިހާބުވެވަޑައިގަތުމުގެ ކުރިން ރައީސް ވައުދުވެވަޑައިގަތީ ނިމިދިޔަ ސަރުކާރުގެ މަސައްކަތްތަކަށް އިހުތިރާމްކުރައްވައި، އާމްދަނީ ލިބޭ ވަޒީފާތަކުގައި ތިބި މީހުން ބާކީނުކޮށް ދިވެހީންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި ސަރުކާރުގެ އަމަލުތައް ދިމާނުވާ ކަމަށެވެ.
ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި އެ ކަން ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، އެ މަންޒަރު ބަލަން އެމްޑީޕީގެ މަޖިލިސް މެންބަރުން ނުތިބޭނެ ކަމަށެވެ.
"އެމެރިކާ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ގެނެސް ކެބިނެޓަށް ލާފައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ފެނަކައިގަ މަސައްކަތްކުރާ ކަނޑާ ގެއަށް ފޮނުވާތަން ބަލާކަށް އަޅުގަނޑުމެން މިތާކު ނުތިބޭނަން،" ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު މަސްއޫލިއްޔަތުތައް ހަވާލުކުރި ބައެއް ވަޒީރުންނަށް ނުސީދާކޮށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ހުސައިން ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި 90 އަށް ވުރެ ގިނަ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާ ކަމަށެވެ. މި ސަރުކާރަކީ 'ފޭރޭ' ސަރުކާރެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް މީކާއީލް ތަކުރާރުކުރެއްވިއެވެ.
"މި ފޭރޭ ސަރުކާރު އަޅުގަނޑުމެން ކުޑަ ކަކުލަށް ތިރިކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ މުވައްޒަފުން ވަކިނުކުރުމަށް 'ނަސޭހަތްތެރި'ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ، މުވައްޒަފުން ވަކިކޮށްފިނަމަ މަޖިލީހުގައި ރައީސަށް 'ފަސޭހައެއް ނުވާނެ' ކަމަށް ވިދާޅުވެ، އިންޒާރުދެއްވައިފައެވެ.
އެކަމަކު ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދަވަނީ ކޮންޓްރެކްޓް އުސޫލުން ނަގާފައި ތިބި މުވައްޒަފުން ވަކިކުރާ ވާހަކަ ކަމަށެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އެއްބަސްވުމުގެ ކޮންޓްރެކްޓް ހަމަވުމުން ވަޒީފާ އިން އޮޓޮމެޓިކުން ވަކިވާނެއެވެ.
މީ ހިޔަޅު ސަރުކާރެއް ހޮވަންވޯޓް ދެވުނީތީ މާފަށް އެދެން އިދިކޮޅުޓީމަށް