ގދ. ގައްދޫ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނަކު 79 ވަނަ ފަހަރަށް ބަންދުކޮށްފިއެވެ.

އޭނާ މި ފަހުން ހައްޔަރުކޮށްފައި ވަނީ މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް އޭނާ އާ ދެކޮޅަށް ހެކި ވަނީ ލިބިފައެވެ.

އެގޮތުން އެ ހާދިސާ ރިޕޯޓުގެ އިތުރުން ތަހުގީގީ ބަޔާން ހިމެނޭ ކަމަށް ވެއެވެ. އެއީ ހައްޔަރު/ބަންދު ރެކޯޑް ގިނަ ފަރާތަކަށްވާއިރު މިއީ އޭނާ ހައްޔަރު ކުރި 79 ވަނަ ފަހަރެވެ. މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކޯޓުން ވަނީ 7 ދުވަސް ޖަހާދީފައެވެ.

މީގެ އިތުރުންވެސް ކޯޓުން ބުނީ އޭނާ ބަންދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ދާދި ފަހުންވެސް ވަނީ މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރުދިން މައްސަލެއްގައި މީހަކު ހައްޔަރުކޮށް ބަންދު ކޮށްފައެވެ. ރ. ހުޅުދުއްފާރަށް ނިސްބަތްވާ 41 އަހަރުގެ އެ މީހާ ވަނީ 15 ދުވަހަށް ބަންދު ކޮށްފައެވެ. އެ މީހާއަކީވެސް ހައްޔަރުކުރުމުގެ ރިކޯޑު އޮތް ފަރާތެއް ކަމަށް ވެއެވެ.