އިޒްރޭލަކީ އެތާނގެ ރައްޔިތުންގެ މިއުނިކް ކަމަށާއި، ހަމާސްގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ދުނިޔޭގެ ކޮންމެ ތާކު އެމީހުން ތިއްބަސް އަދި އެކަމަށް އަހަރުތަކެއް ނެގިޔަސް އެންމެން މަރާނެ ކަަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުގެ ދާހިލީ ސަލާމަތާ ބެހޭ ޝިން ބެޓުގެ ވެރިޔާ ރޮނެން ބާ ބުނީ، އިޒްރޭލުގެ އަސްކަރީ ކެބިނެޓުން އާންމުކޮށް އަންގާފައި ވާ އޮތީ ވަރަށް ސާފު މެސެޖެއް ކަމަށާއި، އެއީ ހަމާސްގެ މީހަކު ދުނިޔޭގެ ކޮންމެ ތާހު ހުއްޓަސް، އަދި އެކަމަށް ކިތަންމެ ދުވަހެއް ނެގިޔަސް މަރާ ހުސްކުރަން ކަމަށެވެ. އެގޮތުން އިޒްރޭލަކީ މިޔުނިކް ކަމަށް ފާހަގަ ކުރަމުން އޭނާ ވަނި ބައެއް ގައުމުތަކުގެ ނަންތައް ވެސް ކިޔާފައެވެ. އޭގެ ތެރޭގައި ގަރަތާއި، ލުބުނާން، ތުރުކީ އަދި ގާޒާގެ ނަން ފާހަގަ ކޮށްފައި ވެއެވެ.

އިޒްރޭލަކީ މިޔުނިކް ކަމަށް އޭނާ އެ އިޝާރާތް ކުރަނި ޖަރުމަނުގެ ވެރިއަކަށް އެޑޮލްފް ހިތްލަރު ހުރި އިރު، ޖަރުމަނާއި ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅުނު ޔަހޫދީން މަރާ ހުސްކުރުމަށް ހިތްލަރު ހިންގި ކެމްޕެއިނަށާއި 1972 ގައި ޖަރުމަނުގައި އޮލިމްޕިކްސް އޮތް އިރު، ފހަތިޔާރު އެޅި ފަލަސްތީނުގެ ޖަމާއަތަކުން ޖަރުމަނުގައި އޭރު އުޅުނު ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާތަކަށް އިޝާރާތް ކޮށެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޖެހިގެން އައި ދުވަހު އިޒްރޭލުން ފެށި އަސްކަރީ އުދުވާނުގައި ފާއިތުވި ހަފްތާއަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، މިހާރު ވަނީ މުޅި ގާޒާ ހިމެނޭހެން އެއްގަމު މަގުން ވަދެގަންފައެވެ. ގާތްގަނޑަކަށް 45 ދުވަސް ވާން ދެން ގާޒާގެ އުތުރު ތަޅާ ސުންނާފަތި ކޮށް 15،000 އެއްހާ މީހުން ޝަހީދު ކޮށްލުމަށް ފަހު މިހާރު ހަމަލާތައް އަމާޒު ކޮށްފައި ވަނީ ގާޒާގެ ދެކުނަށެވެ. އުތުރު ހުސްކޮށް އެންމެން ދެކުނަށް ދާން އެންގުމުން ގާތްގަނޑަކަށް 1.8 މިލިއަން މީހުން ދެކުނުގެ މައި ދެ ސިޓީއެއްގައި ތިބި އިރު އެތަންތަނަށް ވަރުގަދަ ހަމަލާތައް ދީ ފާއިތުވި 2 ދުވަސް ތެރޭގައި ވަނީ 1000 މީހުން ޝަހީދު ކޮށްލާފައެވެ. އެއާއެކު އެއްގަމު މަގުން އަރާ ގެއަކުން ގެއަކުން ބަލަމުން ދާއިރު އިޒްރޭލުން ބުނެފައި ވަނީ، ހަމަލާ ނުދޭނެ ހަމަ އެއްވެސް ތަނެއް ނޯންނާނެ ކަމަށާއި، އެއީ ނުރައްކަލެއް ކަމަށް ފާހަގަވާ ކޮންމެ ތަނަކަށް ހަމަލާ ދޭނެ ކަމަށެވެ. އެއާއެކު އިޒްރޭލުން ވަނީ ދެކުނުގެ ހާން ޔޫނިސްގެ ބަޔަކާއި ރަފާގެ ބައެއް ހުސްކޮށް އާންމުން ފޭބުމަށް އަމުރު ކޮށްފައެވެ.

އިޒްރޭލުން ބުނެފައި ވަނީ އަމިއްލަ ސަލާމަތް ބޭނުން ކަމަށް ވާނަމަ ގެއިން ނިކުމެގެން ދާން ވީ ކަމަށާއި ނޫނީ އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލާން ވީ ކަމަށެވެ.

ގަތަރު މެދުވެރިވެގެން ސުލްހައިގެ ވާހަކަތައް އަލުން ފެށޭތޯ އެމެރިކާ މަޝްވަރާ ކުރަމުން ދާ މި ދަނޑިވަޅުގައި އިޒްރޭލުން ބުނެފައި ވަނީ، މިޝަން ވަރަށް ސާފު ކަމަށާއި ހަމާސް ނައްތާ ނުލެވެނީސް ހުއްޓާލުމެއް ނެތް ކަމަށެވެ. އަދި އެއަށް ފަހު ގާޒާގައި ސެކިއުރިޓީ ބަފާ ޒޯނެއް ކަނޑައަޅާނެ ކަމަށާއި އެ ސަރަހައްދަށް ފަލަސްތީނުގެ މީހުންނަށް ދެން ނުވަދެވޭނެ ކަމަށެވެ. އަދި އެކަން ކައިރި ގައުމުތަކަށް އަންގާފައި ވާނެ ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.

ގާޒާއަކީ ގާތްގަނޑަކަށް 46 ކިލޯމީޓަރުގެ ތޮއްޖެހިފައި އޮންނަ ކުޑަ ސަރަހައްދެއް ކަމަށް ވާއިރު، ސެކިއުރިޓީ ޒޯނަކަށް ބޮޑު ބައެއް ނެގުމުން، މިހާރުވެސް ތޮއްޖެހިފައިވާ ގާޒާގެ ރައްޔިތުން ދިރިއުޅުމަށް ދެން ލިބޭނެ ޖާގަ އަދި ކަށަވަރެއް ނުވެއެވެ.

އިޒްރޭލުގެ ރޫހު ހުރީ ގާޒާއިން މީހުން ހުސްކުރުން ކަމަށް ވާއިރު އިޒްރޭލުން ބާރު އަޅަނީ ގާޒާގެ ރައްޔިތުން ލުބުނާނަށް ފައްސާލައި މުޅި ގާޒާ އަތްދަށުލުމަށެވެ. ނަމަވެސް މިކަމުގައި އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ހަނގުރާމަ އަށް ފަހު ގާޒާގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމެރިކާ، މިސްރު އަދި ފަލަސްޓައިން އޮތޯރިޓީ (ޕީއޭ) އާއި އިޒްރޭލު ހިމެނޭ ފައުޖެއް ބާއްވަން ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ގާޒާގައި ބޭރުގެ އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަމަށާއި އެތަން ބަލަހައްޓާނީ އިޒްރޭލުން ކަމަށެވެ.

އިޒްރޭލުން ގާޒާދެ ދެކުނު ބިތުގެ ހާން ޔޫނިސް އާއި ރަފާ އަށް ހަމަލާ ދެމުން ގެންދާ އިރު ހަމާސްގެ ޝަޓީ ބެޓޭލިއަންގެ ކޮމާންޑަރު ހައިތަމް ހުވާޖަރީ މަރާލައިފި ކަމަށް އިޒްރޭލުން މިއަދު ބުނެފައި ވެއެވެ. އޭނާ އަކީ އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމަލާ ދިނުމުގައި އިސް މޭސްތިރިއެއް ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.