މަގާޒީ ރެފިއުޖީ ކޭމްޕް، ގާޒާ - ހަ ކުދިންގެ މަންމަ އިމްތިތާލް އޭނާގެ އާއިލާއަށް ރޮށި ތައްޔާރުކުރަން ލަކުޑި ބޭނުންކޮށްގެން އަލިފާން ރޯކުރަމުން ހަނދާން އާކުރަމުން ދިޔައީ، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ބޮމުގެ ހަމަލާތައް ދޭން ފެށުމުގެ ކުރިން ގާޒާގެ ހުޅަނގުގެ ތަލް އަލް-ހަވާ އަވަށުގައި ހުންނަ އޭނާގެ ގޭގައި ހެނދުނުގެ ވަގުތުތައް ހޭދަވާގޮތުގެ މަތިންނެވެ.
އިމްތިތާލް އާއި އޭނާގެ އާއިލާއަށް އެމީހުންގެ ގެ ދޫކޮށް ގާޒާގެ މެދުގައި އޮންނަ މަގާޒީ ރެފިއުޖީ ކޭމްޕަށް ދާން މަޖުބޫރުވީ ހަނގުރާމައިގެ ކުރީކޮޅު ގާޒާގެ އުތުރު ހުސްކޮށް ދެކުނަށް ދިއުމަށް އިޒްރޭލު ސިފައިން އާންމުންނަށް އެންގުމުންނެވެ. އިޒްރޭލުން ދިން ބޮމުގެ ހަމަލާގެ ސަބަބުން ގާޒާގެ އުތުރާއި ހުޅަނގުގެ މުޅި ސަރަހައްދުތައް ފުނޑުފުނޑު ވެދާނެ ކަމުގެ ބޮޑު ނުރައްކަލެއް އޮތްކަން އޭނާއާއި އޭނާގެ އާއިލާއަށް އެނގުނެވެ.
އެމީހުންގެ ގެ ދޫކޮށް ދެވުނު ކަމަށްޓަކާ އެމީހުން ޝުކުރުވެރިވެއެވެ. އެތަނުން ނުކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހުންގެ އަވަށަށް ދިން ބޮމުގެ ހަމަލާގައި އެމީހުންގެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިމްތިތާލް ބުނި ގޮތުގައި އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާގެ ސަބަބުން އެމީހުންގެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. "ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގައި މަސައްކަތް ކުރާ އަހަރެމެންގެ އަވަށްޓެރި ސަލީމް އަޅުގަނޑަށް ފޮނުވި ވީޑިއޯތަކުން އަހަރެންގެ ގެއަށް ގެއްލުންވި މިންވަރު ދައްކުވައިދޭ. ވަރަށް ދެރަވޭ، މިއަދުގެ ފަހުން އެތަނުގައި ދިރިއުޅެވޭނެ ދުވަހެއް ފެންނާނެ ކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް ނޭނގެ."
އެ ކަންބޮޑުވުމާ ކުރިމަތިލުމަށް އިމްތިތާލް މަސައްކަތް ކުރަނީ ހަނގުރާމަ ފެށުމުގެ ކުރިން އޭނާގެ ރައްކާތެރި، އާދައިގެ ދުވަސް ދާ ގޮތުގެ ހަނދާންތަކުގައެވެ. ފަތިސްނަމާދަށް ހޭލައެވެ. އެއަށްފަހު އޭނާގެ ކުޑަ ކުދިން ކަމަށްވާ ހަމްމޫދު، 13، އާއި ނައުރް 16، ސްކޫލަށް ތައްޔާރުކުރުމަށް ހޭލައްވައެވެ.
އެމީހުންގެ ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި އަބަދުވެސް އިމްތިތާލް އަށް އުފާވެރިކަން ގެނުވައެވެ. ސްކޫލަށް ގެންދާ ކެއުން ތައްޔާރުކުރާ އިރުވެސް، ދަރިންނަށް އެންމެ މީރު އެއްޗެހި ފޯރުކޮށްދިނުމުގައި އިސްކަން ދޭކަމަށް އޭނާ ބުންޏެވެ.
ހެނދުނު މަސައްކަތް ފަށާގޮތަށް ނިމޭނީ ވަރަށް ލަހުންނެވެ.
"އަމިއްލަ މީހާއަށް ކުޑަ މިންވަރެއްގެ ވަގުތުކޮޅެއް"
"ދެން މިއޮތީ ފިރިމީހާ އާއި ދޮށީ ފިރިހެން ކުދިން ވަޒީފާއަށް ދާންވީ ވަގުތު" އިމްތިތާލް ބުނެލިއެވެ. "އަހަރެން އެމީހުންގެ ކޮފީ ހަދަނީ. އެކަމަކު އަހަރެންގެ އަންހެން ދަރިފުޅު އަސީލް އަކީ ތާޒާ ޖޫހަށް ވަރަށް ލޯބިކުރާ ކުއްޖެއް. އެހެންވީމަ އަސީލްއަށް ބޭނުންވާ ޖޫސްވެސް އަހަރެން ތައްޔާރުކުރަން."
އެ އެންމެން ކައިގެން އެމީހުންގެ ވަޒީފާތަކަށް ދިޔުމުން އިމްތިތާލް އަށް އަމިއްލަ މީހާއަށް ހާއްސަކޮށްގެން ކަމެއް ކުރާނެ ވަގުތު ލިބެއެވެ.
"ޖިމަށް ގޮސް ރައްޓެހިންނާ އެކު ކަސްރަތު ކުރުމުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރަން." އޭނާ ބުންޏެވެ. އެއަށްފަހު އަވަށްޓެރި ސާރާއާއެކު ހޫނު އެއްޗެއް ބޯން ގެއަށް ދާނެއެވެ.
އިމްތިތާލް ބުނި ގޮތުގައި މެންދުރުގެ ކެއުން ތައްޔާރު ކުރުމަށްފަހު، ގުރުއާނުގެ ސައިންސްތަކާ ބެހޭ ފޮތްތައް ކިޔެވުމުގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށް، ޒޫމް މެދުވެރިކޮށް އޭނާ ބައިވެރިވާ އެކަޑަމީއެއްގެ ދަށުން ދީނީ ފިލާވަޅުތައް އުނގެނުމުގައި ވަގުތު ހޭދަކުރެއެވެ.
އެޔަށްފަހު އަނެއްކާވެސް އާއިލީ ޒިންމާތަކުގައި ހަލަބޮލިވާން ވީއެވެ.
"ދަރިން ސްކޫލުންނާއި ވަޒީފާތަކުން އައުމުން އެކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ވާހަކަތައް އަޑުއަހައި، ދަރިފުޅު ހަމްމޫދާއެކު ސްކޫލްގެ މަސައްކަތްތައް ނިންމުމުގައި އުޅުމަށްފަހު، ދެން ބޮކްސިން ކްލަބަށް ދިއުމަށް އޭނާ ތައްޔާރުކުރަނީ. އެއީ އޭނާ ވަރަށް އުފާކުރާ ކަމެއް."
އިމްތިތާލް ކޮންމެ ދުވަހަކުވެސް އެމެރިކާގައި ދިރިއުޅޭ އޭނާގެ ދަރިފުޅު އަދަމްއަށް ގުޅައިގެން އޭނާގެ ހާލުވެސް ބަލައެވެ. ނަމަވެސް ބޮމުގެ ހަމަލާތައް ފެށުމަށްފަހު އޭނާއަށް މާ ބޮޑު މުއާމަލާތެއް ނުކުރެވުނެވެ. އިޒްރޭލުން ތެޔޮ ބްލޮކް ކުރުމުން ގާޒާގައި ކަރަންޓާއި އިންޓަނެޓް ވަރަށް ބޮޑަށް ވަނީ ހުއްޓިފައެވެ. މުވާސަލާތީ އުނދަގޫތަކުގެ ތެރޭގައި އިމްތިތާލްއަށް އަދަމް އާ ވާހަކަ ދެއްކުނީ ވަރަށް މަދުންނެވެ.
"އަލްވަދާއު ވެސް ނުކިޔުނު"
މިއީ މީގެ ކުރިން މާ ބޮޑު މާނައެއް ނެތް ކަންތައްތައް ނަމަވެސް، އިމްތިތާލް ބުނަނީ މިފަދަ ވަގުތުތަކަށް އޭނާ އެދޭ ކަމަށެވެ.
ގޭގައި ހުރުމާއި ހިމޭންކަމާއެކު ކޮންމެ ދުވަހެއް ހޭދަވާ ދުވަސްތައް މަތިން އޭނާ ހަނދާންވެއެވެ.
"ގޭތެރޭގެ ކޮންމެ ދުވަހެއްގެ މަސައްކަތަކީ މިއަދު އެހާ ބުރަ މަސައްކަތެއް ނޫން. އޮޓޮމެޓިކް ދޮންނަ މެޝިނެއް ބޭނުންކޮށްގެން މީގެ ކުރިން އެއްޗިސް ދޮވުނު ނަމަވެސް، މިހާރު ދޮންނާކަށް އެވަރަކަށް ހެދުންތަކެއް ނެތް. އަދި އެ ވަސީލަތެއްވެސް ނެތް. މިހާރު އެއްޗެހި ދޮންނަނީ އަތުން. ކައްކާ ގޭސް ނުލިބުމުގެ ސަބަބުން ކާއެއްޗެހި ތައްޔާރުކުރަން ވެސް އުނދަގޫވާތީ މިހާރު ކައްކަން ޖެހެނީ ލަކުޑީގެ އަލިފާން ބޭނުންކޮށްގެން."
އިމްތިތާލް އިތުރަށް ބުނީ ގާޒާގެ ހާލަތަކީ ހިތާމަވެރި ހާލަތެއް ކަމަށެވެ. "އެއްބަނޑު އެއްބަފާ މީހުންނަށްވެސް ޒިޔާރަތް ނުކުރެވޭ. މީގެ ކުރިން އަބަދު ވެސް އެމީހުންނާއެކު ހިނގާލަން ގޮސް އުޅުނިން. ކުރިން އަހަރެމެން މުނިފޫހިފިލުވަން ގޮސް އުޅުނު ތަންތަނަށް ވެސް ބޮން އަޅާ ވަނީ ސުންނާފަތިކޮށްފައި."
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިމްތިތާލް އާއި ވަކިވެފައިވާ އާއިލާ އާއި ރައްޓެހިންނާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.
އިޒްރޭލު ސިފައިން އިމްތިތާލްގެ ކަޒިންގެ ގެއަށް ބޮން އެޅުމުގެ ސަބަބުން އޭނާ ވަނީ ޝަހީދުވެފައެވެ. "އަލްވަދާއު ވެސް ނުކިޔޭ! އަހަރެން އުޅޭ ރެފިއުޖީ ގެއިން ނުނިކުމެވޭ. އޭނާގެ އާއިލާއަށް ވެސް އޭނާގެ ޖަނާޒާއެއް ބޭއްވުމުގެ ފުރުސަތެއް ނުލިބޭ. އިޒްރޭލުން ބުނީ އޭނާ ވަޅުލާން ގެންދިޔައީވެސް އޭނާގެ އަމިއްލަ ކާރުގައި ކަމަށް."
އަދި މި ހަނގުރާމައިގެ ސަބަބުން އިމްތިތާލްގެ އާއިލާއަށް ލިބެމުންދާ ގެއްލުންތަކާމެދު ވެސް އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.
"މި ހަމަލާތަކާ ހެދީ އަހަރެމެން ވަރުބަލިވެއްޖެ. ގާޒާގައި ހިނގަމުންދާ ކަންކަމަކީ ޖަރީމާއެއް. އަހަރެންގެ ކުޑަ ދަރިފުޅުގެ ނަފްސާނީ ސިއްހަތާމެދު އަހަރެން ކަންބޮޑުވޭ. ގާޒާގެ ހަރުކަށި ހާލަތުގެ ސަބަބުން އެކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަހަރެން ހާއްސަ ސަމާލުކަމެއް ދެން. އޭނާ ކަންބޮޑުވެފައި އެކަނި އިންނަތަން ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވޭ. އަހަރެން މަސައްކަތް ކުރަނީ އޭނާގެ ހިތުގައިވާ ހުރިހާ ވާހަކައެއް އަޑުއަހައި އޭނާއަށް ހިތްހަމަޖެހުން ހޯދައިދިނުމަށް." އޭނާ ބުންޏެވެ.