ބުޅަލަކަށް ހަމަލާދިނުމުން ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ މަހު 18 ގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިިނަލް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވުމާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މިއަދު ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ހެކީގެ ގޮތުގައި ބުޅަލަށް ހަމަލާ ދޭ ސީސީޓީވީ ފުޓޭޖް އަދި މައްސަލައިގައި ހިމެނޭ ބުޅަލަށް ހަމަލާދިނުމަށްފަހު އެ ބުޅާ އޮތް ފިހާރަ ކައިރީ އޮތް އިތުރު ބުޅަލަކަށް އޭނާ ހަމަލާދޭން އުޅުނު ކަމަށް ބުނެ މީހަކު ބަޔާން ދީފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި މ. ކޮޅުފުށި އުމުރުން 45 އަހަރުގެ އަހުމަދު ނަސީމެވެ. އަދި ކްރިމިނަލް ކޯޓުން އޭރު ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަހުމަދު ނަސީމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި ތުުހުމަތާ ގުޅިގެން އަހުމަދު ނަސީމް ސީދާ ވާހަކަ ނުދެއްކި ނަމަވެސް ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށް ބުނެފައިވާ ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އަހުމަދު ނަސީމަކީ ބަންދު ލޮގް އޮތް ފަރާތެއްކަމަށް ކްރިމިނަލް ކޯޓުން ފާހަގަކުރެއެވެ.
އަމީރު އަހުމަދު މަގާއި ކަސްތޫރި މަގު ގުޅުނު ކަންމަތީގައި އޮތް މާބަނޑު ބުޅަލަކަށް އަހުމަދު ނަސީމް ވަޅިން ހަމަލާދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބުޅާ އޮތީ އެ ކަންމަތީގައި އޮށޯވެލައިގެންނެވެ. އަދި އަހުމަދު ނަސީމް އެ ބުޅަލުގެ ކައިރިއަށް ގޮސް މަޑުކޮއްލުމަށްފަހު ޖީބުން ކުޑަ ވަޅިއެއް ނަގާ ބުޅަލަށް ހަމަލާދޭ މަންޒަރު ފެނެއެވެ. ވަޅިން ހަމަލާ ދިނުމާއެކު ބުޅާ ތެޅިގަނެފައި ދުވެފައިދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.