މޯލްޑިވްސް ގޭހުން ދުވަހުގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފަށާ ގޮތް ހަމަޖައްސައިފިއެވެ.
އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މިއަދު މުވައްޒިފުންނާ ބައްދަލު ކުރައްވާ އެގޮތަށް ނިންމާފައި ވާއިރު ގުރުއާނެކޭ އެއްފަދައިން ގައުމީ ސަލާމް ކިޔުމަށްވެސް ނިންމާފައި ވެއެވެ.
މޯލްޑިވް ގޭހާއި އަބްދުﷲ މުހައްމަދު ގުޅިވަޑައިން މައި އޮފީހުގައި މިއަދު ފުރަތަމަ ބައްދަލުވުން ބާއްވާފައި ވާއިރު އެ ބައްދަލުވުމުގައި ގުރުއާން ވިދާޅުވީ ވެސް އޭނާއެވެ. މިއީ ކުންފުންޏެއްގެ އެމްޑީއަކު މިފަދަ ނިންމުމެއް ނިންމިެވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ވަރުބަލި ކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަަށެވެ.
އަދި އެ ކުންފުންޏަކީ ފައިދާވާ، ހެޔޮ އަގުގައި ރައްޔިތުންނަށް ގޭސް ފޯރުކޮށްދޭ ކުންފުންޏަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަދަނީ އަބްދުﷲ އަކީ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި މީގެ އަހަރުތަކެއް ކުރިން ގިނަ މަދަނީ ޖަމިއްޔާތަކެއް އިންތިހާދުވެ ހެދި "މަދަނީ އިއްތިހާދު" ގައި އިސްކޮށް އުޅުއްވި ބޭފުޅެއްވެސް މެއެވެ. މީގެ ކުރިން އޭނާ އަކީ ކުދިންނަށް ގުރުއާން އުގަންނާ ދިނުމުގައިވެސް އުޅުއްވި ބޭފުޅެކެވެ.