ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން މޯދީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، އިގްތިސޯދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ކޯ ގްރޫޕެއް އުފެއްދެވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮޕް ސަމިޓަށް ރައީސް މުއިއްޒު ވަޑައިގެން އެކި ގައުމުތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައި ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ގޮތުން ކޮޕް ސަމިޓްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައިގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އާ ވެސް މުއިއްޒު ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އާއި ޕާކިސްތާނުގެ 8 ވަނަ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރްއާ ވެސް ބައްދަލުކުރައްވާފައެވެ.

މިސަމިޓުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެންވާރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނަވައެވެ.