ގިނަ އަދަދެއްގެ (ޓްރެޝަރީ ބިލް) ޓީ ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ 29 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 97 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 230 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.

މީގެ އިތުރުންވެސް 182 ދުވަހުން އަނބުރާ ދެއްކުމަށް 80 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 686 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން އެ މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ޓީ ބިލް ވިއްކުމަށް ހުޅުވާލާފައި ވަނީ އެކި މުއްދަތުތަކުން މެޗޫރިޓީ [ދަންކަންޖެހޭ މުއްދަތު] ވާގޮތަށެވެ. އެގޮތުން އެންމެ ދިގު މުއްދަތަކަށް ދޫކޮށްފައި ވަނީ އެއް އަހަރު ދުވަހުން ދައްކަންޖެހޭ ޓީ ބިލެކެވެ. ޓީ ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕް ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާ ޓީބިލްތައް އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ގަނެއެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ބޮޑެތި އަދަދު ތަކުން ޓީ ބިލް ވިއްކާފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުވެސް ޓީ ބިލް ވިއްކާފައި ވާއިރު އެފަހަރު ވެސް 2.6 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ.

ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.