ގްރޭޓާމާލޭ ރީޖަންގެ ޕަވާ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި، ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފައްޓަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ނިންމަވައިފިއެވެ.

އެމްޑީ ފަހުމީ މިގޮތަށް ނިންމެވީ، މާލެ އަދި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުންޏަކީ ޓެކްނިކަލް ކުންފުންޏަކަށް ވުމާ އެކު، އެ މުވައްޒަފުންގެ ދައުރު ކުންފުނި ހިންގުމުގައި އެމްޑީ ފާހަގަ ކުރެއްވި ކަމަށާއި އަދި މުވައްޒަފުން ޝުކުރު އަދާ ކުރެއްވި ކަަމަށެވެ. އަދި ކުންފުނި ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ވަނީ އެމްޑީ ދެއްވާފައި ކަމަށެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ މިހާތަނަށް ވަނީ އެ ކުންފުނީގައި 25 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ފަހުމީ ވަނީ އޮޑިޓިންގެ ދާއިރާ އާއި އެކައުންޓްސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.

އާ ސަރުކާރުން ކުންފުނިތަކުގެ އެމްޑީން އައްޔަން ކުރި އިރު ސްޓެލްކޯގެ އެމްޑީއަކަށް ފަހުމީ އައްޔަން ކުރުމާ އެކު އޭނާ ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ވެވަޑައިގެންފައި ވާ ވައުދުފުޅުތައް ފުއްދެވުމުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަކަތައިގެ ދާއިރައިން މާދަމާގެ ޖީލަށް ބޭނުންވާ މުސްތަގުބަލު ގެނެސްދެއްވާނެ ކަމަށް ފަހުމީ ވިދާޅުވެފައި ވެއެވެ.