ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ކުތުބުހާނާއަށް ބަދަލުތަކެއް ގެންނަން ނިންމާ އެ މަސައްކަތް ފަށައިފިއެވެ.

ގައުމީ ކުތުބުހާނާއަށް ގެންނަ ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށާއި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ވަނީ ކުތުބުހާނާއަށް ޒިޔާރަތްކުރައްވާފައެވެ.

ބީއެމްއެލްގެ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކުރެވިގެންދާނެއެވެ. އަދި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމްކުރުމާއި ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުމަށް ވެސް މި މަޝްރޫއުގައި ހިމަނާފައިވެއެވެ. މި މަޝްރޫއުގެ ދަށުން ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އޭގެއިތުރުން މި މަޝްރޫއުގެ ދަށުން މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ތަރައްގީކުރުން، ސައިލެންޓް ރީޑިން ރޫމް ތަރައްގީކުރުން، ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކުރުމުގެ އިތުރުން ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑުކުރުން އަދި ލައިބްރަރީގެ އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.