މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިނިސްޓަރު ރަމީލާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރަމީލާ ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ޕޯސްޓުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ފަރުވާ ހޯއްދަވަން ވަޑައިގަންނަވާ ގައުމެއް އަދި ބަލީގެ އިތުރު ތަފްސީލެއް ރަމީލާ ހާމަކުރައްވާފައެއް ނުވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަސައްކަތް ފެއްޓެވި ރަމީލާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ގިނަ ބަޔަކު، ސޯޝަލް މީޑިއާގައި ހިތްވަރު ދެމުން ގެންދާ އިރު ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ މިނިސްޓަރު ރަމީލާ އެނބުރި ހިދުމަތަށް ނުކުންނަވަންދެން އެ މިނިސްޓްރީ ހިންގާނެ ހަރުދަނާ ގޮތެއް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައި ވާ ބޭފުޅެކެވެ.