ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ހަމަޖައްސައިފިއެވެ.

މުއާޒަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ސަފުގައި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

2014 ވަނަ އަހަރުން ފެށިގެން 2019 އަހަރަށް މަޑަވެލި ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުއާޒް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރުގެ މަގާމް ވެސް ފުރުއްވާފައެވެ.

އާކިޓެކްޗާގެ ދާއިރާއިން ތައުލީމު ހާސިލު ކުރައްވާފައިވާ މުއާޒްއަކީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ބިލިއަނުން ދަރައި ގެއްލުމެއްގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިންތިގާލީ މަރުހަލާގައި ރައީސް މުއިއްޒު އެކުލަވާލި އިންތިގާލީ ޓީމުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ކަމަށާއި، 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ހާމަ ކުރިއެވެ.

ފެނަކައިގައި 8،126 މުވައްޒަފުން، ތިބި ކަމަށާއި މުވައްޒަފުންގެ މުސާރަ އަށް މަހަކު 82 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށް އިންތިގާލީ ޓީމުން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ މާޗް މަހަށް ފަހު 747 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް ވެސް އިންތިގާލީ ޓީމުން ވަނީ ބުނެފައެވެ.