ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލާފައިކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާ ގުޅިގެން، މި ސަރުކާރުން ނިންމާފައިވާ ކަންކަަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން މިއަދު އޮތް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރަކައިގެ ކޮމިޓީއަށް ހައިދަރު ހާޒިރު ކޮށްފައި ވާއިރު، ކުރެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ، އެހެން ގައުމެއްގެ ރައްޔިތުކަން އޮވޭތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވަނީ އެ ސުވާލަކީ ބޯހިޔާވަހިކާމާ ގުޅޭ މައްސަލައާއި ގުޅުން ހުރި ސުވާލެއް ނޫންކަމުގައި ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް އެ ސުވާލުގެ ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލައްވާފައިވާ ކަމަށެވެ. އާއިލާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ހައިދަރުގެ އަތުގައި މީގެ ކުރިން ރާއްޖެ އާއި އިނގިރޭސިވިލާތުގެ ރައްޔިތުކަން އޮތް ނަމަވެސް އޭނާ ވަނީ ވަޒީރުކަމަށް ވަޑައިގަތުުމުގެ ކުރިން އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލައްވާފައެވެ.

މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރަކައިގެ ކޮމިޓީ ބައްދަލުވުމުގައި ހައިދަރު އާ މި ސުވާލު ކުރައްވާފައި ވާއިރު، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ރައީސް، ކެބިނެޓަށް އައްޔަނު ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެއްވެސް ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށް ފާސްކޮށްފައެވެ.

މި ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާފައި ތިއްބެވި ދެ ތިން ބޭފުޅަކު އެބަ އުޅުއްވާ ކަމަށެވެ. އެހެންނަމަވެސް މި ވަޒީރުންގެ ނަމެއް ކޮމިޓީއިން ހާމަކޮށްފައެއް ނުވެއެވެ.