ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެއްވެސް ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ވަޒީރުކަމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދިނުމުގެ މަޝްވަރާ ފަށައިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، ބައެއް ވަޒީރުންގެ އަތުގައި ބޭރު ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ސާފުކުރުމަށް އެދި އިމިގްރޭޝަނަށް ސިޓީ އެއް ފޮނުވުމުން އެއީ އެ އިދާރާގެ އިހްތިސޯސްގައިވާ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން އެހެން އިދާރާއަކަށް މައުލޫމާތު ލިބިފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރަން ބޭނުން ކަމަށެވެ.
"ޝައްކުކުރެވޭ ބައެއް ބޭފުޅުން މީގެ ތެރޭގަ (ވަޒީރުންގެ ތެރޭގައި) އެބަތިބި، ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގަ ދިރިއުޅުއްވާފަ ތިއްބެވި ދެ ތިން ބޭފުޅަކު އެބަ އުޅުއްވާ މީގެ ތެރޭގަ،" އެ ބޭފުޅުންގެ މައުލޫމާތު ހޯދައި ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވިއެވެ.
އެއަށްފަހު، މެންބަރުން ވަނީ އެކަން ސާފުކުރާނެ ގޮތުގެ މަޝްވަރާކުރައްވައިފައެވެ. މީގެ ކުރިން ވަޒީރުންގެ މައުލޫމާތު ސާފުކުރަނީ ސީދާ ވަޒީރު ހާޒިރުކޮށްގެން ނަމަވެސް، ސުޕްރީމް ކޯޓުގެ އަމުރަކުން ވަނީ އެކަން މަނާކޮށްފައެވެ. އެކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ދެން އޮތް ގޮތަކީ ރައީސް އޮފީހަށް މަޖިލީހުގެ އިދާރާގެ ފަރާތުން ސިޓީ އެއް ފޮނުވައި މައުލޫމާތު ސާފުކުރުމެވެ.
އެހެންކަމުން، ރައީސް އޮފީހަށް ސިޓީ ފޮނުވައި ވަޒީރުން އެހެން ގައުމެއްގެ ޕާސްޕޯޓެއް ގެންގުޅޭތޯ ނުވަތަ ނޫންތޯ އެހުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. މި ހުށަހެޅުމާ މެދު ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ ރައީސް އޮފީހަށް ސިޓީ އެއް ލިޔެ، މައުލޫމާތު ސާފުކުރުމަށެވެ.
ފަލާހު ވިދާޅުވީ، 22 ވަޒީރުންނާ ގުޅޭ ލިޔެކިއުންތައް ދިރާސާކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި، އެހެންކަމުން އެ ކަންކަން ދިރާސާކުރުމަށް ފަހު ކެބިނެޓަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމައި ވޯޓަށް އެހުމާ ގުޅޭ ގޮތުން ބައްދަލުވުން ބާއްވާނެ ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ވަޒީރުކަމަށް އެހެން ގައުމެއްގެ ރައްޔިތަކު އައްޔަނެއް ނުކުރެވޭނެއެވެ.