ރާއްޖޭގެ ސްކޫލް ތައުލީމުގައި ގައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް މަންހަޖަށް އިތުރުކޮށް ޓީޗަރުން ތަމްރީނުކުރުމުގައި ގައުމީ ޔުނިވާސިޓީގެ ދައުރު ވަރަށް ބޮޑުކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ހަފްތާ 14' ޕްރޮގްރާމުގައި ވާހަކަދައްކަމުން މަހްމޫދު ޝައުގީ ވިދާޅުވީ ގައުމިއްޔަތާ ބެހޭ ހާއްސަ މާއްދާއެއް ތައާރްފްކުރެއްވުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. ސާނަވީ މަންހަޖުގައި މިފަދަ މާއްދާއެއް ހިމަނައިގެން ކުރިއަށްގެންދިއުމަކީ ގައުމިއްޔަތައް އޮންނަ ލޯބި އިތުރު ވެގެންދާނެކަމެއް ކަން މަހްމޫދު ޝައުގީ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަހްމޫދު ޝައުގީ ވިދާޅުވީ ސާނަވީ ތައުލީމު ނިންމައި ނިކުންނަ ދަރިވަރުންނަށް ރާއްޖޭގެ ގާނޫނު އަސާސީ އާއި، ރާއްޖޭގެ ތާރީހާއި، ޖިއޮގްރަފީ އަށް ކުދިންގެ ހިތްތަކުގައި ވަރަށް ވަރުގަދަ ގައުމީ ލޯތްބެއް އުފެދިފައި އޮންނަންވާނެ ކަމަށެވެ. ގައުމިއްޔަތު ކިޔަވައިދިނުން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވި އޮތީ އެކަމަށް ޓީޗަރުން ތަމްރީން ކުރެވިފައި ނެތުމުންކަން ފާހަގަކުރައްވަމުން މަހްމޫދު ޝައުގީ ވިދާޅުވީ ގައުމިއްޔަތު މާއްދާއަށް ޓީޗަރުން ތަމްރީން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މީގެއިތުރުން މަހްމޫދު ޝައުގީ ވިދާޅުވީ ގައުމިއްޔަތައް ވަކި މާއްދާއެއް ތައާރަފްކުރަން މަސައްކަތްކުރާއިރު މިކަމުގައި ގައުމީ ޔުނިވާސިޓީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މި ގޮތުން އެ މާއްދާ ކިޔަވައިދިނުމަށް ހާއްސަ މުދައްރިސުން ގައުމީ ޔުނިވާސިޓީން ތަމްރީން ކުރައްވާނެ ކަމަށް މަހްމޫދު ޝައުގީ ވިދާޅުވިއެވެ. ގައުމީ ތަރައްގީގެ ހުރިހައި ދާއިރާއެއްގައިވެސް ގައުމީ ޔުނިވާސިޓީގެ ދައުރު އަބަދުވެސް ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން މަހްމޫދު ޝައުގީ ވިދާޅުވީ މި މަސައްކަތުގެ ބޮޑު ބައެއް ހަވާލުވެގެންދާނީ އެ ޔުނިވާސިޓީ އާއި ކަމަށެވެ.

ގައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތައުލީމު މަންހަޖުގެ ތެރެއަށް ތައާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.