ކުރީ ސަރުކާރުން އެކުލަވާލި، ޕްލޭނާ އެއްގޮތަށް ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ސޮއިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ތިލަފުށި ހިއްކުމުގެ ޕްލޭނުގައި ހުރި ކަންބޮޑުވުންތަކާއެކު، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބިދާނެ ގެއްލުމަށް އަލިއަޅުވާލަމުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ތިލަފުށީ ފަޅުތެރޭގެ ސަރަހައްދެއް ހިއްކުމަށް ނިންމައި، އެ ސަރަަހައްދުގައި ހުރި އުޅަނދުފަހަރު 7 ދުވަސް ތެރޭގައި އެ ސަރަހައްދުން ނެގުމަށް އާބަންކޯއިން އަންގާފައިވާ ކަމަށެވެ.

އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ޑިސެންބަރު 18، 2023 ގައި ފަށާނެކަން އިއުލާންކޮށްފައި ވާއިރު ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ކުދި އެތައް ވިޔަފާރިއެއްގެ ވިޔަފާރީގެ ހަރަކާތްތައް ހިންގަމުން އަންނަ ސަރަހައްދެއް ކަމަށެވެ. އަދި އެ ވިޔަފާރިތަކުން އެ ސަރަހައްދުން ބިން ހޯދާފައިވަނީ ވެސް އެ ސަރަހައްދުގެ މޫދާއި ފަޅު ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދަށް ފައިދާވާ މަސައްކަތްތަކެއް ކުރަންކަމުގައި އެ ޕެޓިޝަނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ސަރަހައްދުގައި ލޭންޑިން ކްރާފްޓު ބަނދެ، އެ އުޅަނދުފަހަރު ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމާ، ބަނދަރު ހެދުމާއި، އެއާޕޯޓު ތަރައްގީކުރުމާއި، ބިން ހިއްކުމާއި، ރިވެޓުމެންޓު ޖެހުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިންގުން ފަދަ ބޮޑެތި މަސައްކަތްތައް ކުރާ ވިޔަފާރިތައް ހިމެނޭކަން ފާހަގަކޮށް އެ ޕެޓިޝަނުގައި ވަނީ އެ ސަރަހައްދު ހިއްކައިފިނަމަ އެ ކުންފުނިތަކުގެ މަސައްކަތް ހުއްޓޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޕެޓިޝަނުގައި ބުނެފައިވަނީ ކޮވިޑް 19 ގެ ދުވަސްވަރު އާބަންކޯ އާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ވިޔަފާރިތަކުން ކުރާ މަސައްކަތުގެ ތަފުސީލުތައް އެ ކުންފުނީގެ ވެރިންނާ ހިއްސާކުރެވިފައި ވާކަމަށެވެ. އަދި އާބަންކޯއިން މިހާރު ހިއްކަން އުޅޭ ސަރަހައްދު ހިއްކުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އަދި އެ ވިޔަފާރިތަކުގެ މަސައްކަތަށް ދަތިވާނެ ފަދަ ކަމެއް ތަންފީޒުކުރަން ރާވާފައި ނުވާކަމަށް އޭރު އާބަންކޯއިން ބުނެފައިވާކަމަށެވެ.

ތިލަފުށީގެ އެ ސަރަހައްދަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ނުހަނު ދަތި ހާލުގައި އަމިއްލައަށް ހިއްކި ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގެ މޫދު ހިއްކައިފިނަމަ ހިނގަހިނގާ ހުރި ވިޔަފާރީގެ މަސައްކަތްތައް އެކީ ހުއްޓި، އެ ވިޔަފާރިތަކަށް ބޮޑެތި ލޮޅުންތައް ކުރިމަތިވާނެކަމަށް މި ޕެޓިޝަނުގައި ބުނެފައިވެއެވެ.

ތިލަފުށީ ހިއްކުމުގެ މާސްޓާޕްލޭނަކީ ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް ވިޔަފާރިވެރިންވަނީ އެކަމުގައި ޤާނޫނީ ގޮތުން ދިރާސާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. ތިލަފުށީ އެ ސަރަހައްދު ހިއްކުމުން އެ ސަރަހައްދުގެ މޫދު ބޭނުންކުރާ ވިޔަފާރިތައް ހުއްޓި އިއާދަނުކުރެވޭނެ ގެއްލުން ލިބޭނެކަން ފާހަގަކޮށް ވިޔަފާރިވެރިންވަނީ، ރައީސް މުއިއްޒުގެ ކިބައިން އެ މަސައްކަތް ހުއްޓުވައި ދެއްވުމަށް އެދިފައެވެ.

ތިލަފުށީ މާސްޓަރ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.