ގާޒާ ހަނގުރާމައާ ގުޅިގެން ނަތަންޔާހޫގެ ހަރުކަށިކަން އަދިވެސް ކުޑަވެގެން އޭނާގެ މަގުބޫލުކަން ކުޑަވެފައި ވާ އިރު އޭނާ މަގާމުން ދުރުކުރަން ގޮވާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ނަތަންޔާހޫގެ މޫނު މާސްކް ހަދާ ލޭގެ އަތްތިލައެއް މާސްކުގައި ޖަހާފައި ވާ ބޯޑުތަކާއި އެކިއެކި ޝިއާރުތައް ހިފައިގެން އެތައް ބަޔަކު ވަނީ ޖަރޫސަލަމްގައި ހުންނަ އޭނާގެ އަމިއްލަ ގެއެއްގެ ކައިރިއަށް އެއްވެ މުޒާހަރަ ކޮށްފައެވެ.
ނަތަންޔާހޫގެ ސަރުކާރުގެ މަގުބޫލުކަން ބެލުމަށް ހުސްވި ހަފްތާގައި އިޒްރޭލުގެ ނޫހަކުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ އޭނާގެ މަގުބޫކަން 28 ޕަސެންޓަށް ދަށްވެފައި ވާ ކަމަށެވެ. އަދި މިވަގުތު ބޮޑުވަޒީރަކަށް ގެނައުމަށް 52 ޕަސެންޓުގެ ތާއީދު ލިބިފައިވަނީ އިދިކޮޅު ހަރުކަށި ލީޑަރަށެވެ. އޭނާ އަކީ ގާޒާއިން މުސްލިމް އެއްކޮށް ބޭރުކޮށް މުޅިތަން ތަޅާ ސުންނާފަތި ކުރަން ގޮވާލައި, ނަތަންޔާހޫއަށް ވުރެ ވެސް ހަރުކަށި މީހެކެވެ.
އޮކްޓޯބަރު 7, 2023 އިން ފެށިގެން އިޒްރޭލުން ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ދެމުން ގެންދާ ހަމަލާތަކަށް 50 ދުވަސް ވާން ދާ އިރު, އިޒްރޭލާއި ހަމާސް އާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އިއްޔެ ވީ އެއްބަސްވުމުގެ ދަށުން ދެފަރާތުން ވަނީ ރަހީނުން ބަދަލުކޮށްފައެވެ. އަދި އިއްޔެ އެހީގެ ސާމާނު ބަރުކޮށްފައި އޮތް 200 ޓްރަކް ވެއްދި އިރު މިއަދު އެހީގެ ޓްރަކް ވައްދަން އިޒްރޭލުން ދެކޮޅު ހަދާފައި ވާތީ, ރަހީނުން ދޫކޮށްލުން މިއަދު މަޑުޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މިއަދު ހަމާސްއިން 14 މީހުން އަދި އިޒްރޭލުން 42 މީހުން ދޫކޮށްލަން ހަމަޖެހިފައި ވަނިކޮށް އެހީގެ ތަކެތި ވައްދަން ދެކޮޅު ހެދުމުގެ އިތުރުން ދޫކޮށް ހަމަޖެހިފައި އޮތް ލިސްޓަށް ވެސް އިޒްރޭލުން ފަހުވަގުތު ބަދަލު ގެނެސްފައި ވާ ކަމަށް ހަމާސް އިން ބުނެއެވެ. އެއާއެކު ހަމާސް އިން ވަނީ އެމީހުން ދޫކޮށްލަން ޖެހޭ 14 މީހުން ހިފަހައްޓާފައެވެ. އަދި ބުނެފައި ވަނީ, ހަމަލާތައް ހުއްޓާލައި މިނިވަން ކަމާއެކު ހިނގާބިނގާވެ އުޅެވެން ޖެހޭ ސަރަހައްދެއް ކަމަށް ވާ ބެއިތް ހަނޫންގައި ދެމީހެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހާ މަރާލާފައި ވާ ކަމަށާއި މިއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން އިޒްރޭލުން ރަހީނުން ބައިތިއްބާފައި ތިބޭ ހުޅަނގު އައްސޭރީގެ އޮފާ ޖަލުގެ ބޭރުގައި ފަލަސްތީނުގެ މީހެއްގެ ގަޔަށް ބަޑިޖަހާ ޒަހަމްކޮށްލާފައި ވެސް ވެއެވެ.
މިހާދިސާ އާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ އެމީހުން އެއްބަސްވުމާ ހިލާފު ވެފައި ނުވާނެ ކަމަށެވެ.
މި ދެބަސްވުމާއެކު މިއަދު ކުރިއަށް ގެންދަން އޮތް ހަރަކާތްތަކަށް މަޑުޖެހުން އައިސްފައި ވާ އިރު, އަލުން ރަހީނުން ބަދަލުކުރުން ފެށޭނެ އިރެއް ނޭނގެއެވެ. އޮފިޝަލުން ބުނީ, ހަމާސް އިން ތިބީ ހަމަލާތައް ހުއްޓާލާފައި އޮތް މުއްދަތު އެއްބަސްވުމާ އެއްގޮތަށް ދަމަހައްޓަން ކަމަށާއި ދެފަރާތުންވެސް އެއްބަސްވުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.