އިޒްރޭލާއި ހަމާސް އާ ދެމެދު ގާއިމު ކުރި ސުލްހައިގެ ވަގުތީ އެއްބަސްވުމުގެ ދަށުން ހަމާސް އިން 24 މީހުން އަދި އިޒްރޭލުން 39 މީހުން ދޫކޮށްލައިފިއެވެ.
މިއީ 49 ދުވަސް ވީ ހަނގުރާމަ 4 ދުވަހަށް ހުއްޓާލައި ދެފަރާތުން ރަހީނުން މިނިވަން ކުރި ފުރަތަމަ ފަހަރެވެ.
ހަމާސް އިން މިއަދު ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ އިޒްރޭލުގެ 13 މީހަކާއި ތައިލޭންޑްގެ 10 މީހަކާއި ފިލިޕީންސްގެ މީހެކެވެ. ހަމާސް އިން ދޫކޮށްލި ތައިލޭންޑްގެ މީހުންނާއި ފިލިޕީންސް މީހާ އަކީ ގަތަރާއި ހަމާސް އާ ދެމެދު ގާއިމު ކުރި ވަކި އެއްބަސްވުމެއްގެ ދަށުން ދޫކޮށްލި މީހުންނެވެ. ހަމާސް އާއި އިޒްރޭލާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ދޫކޮށްލި 13 މީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީހުން މިހާރު ތިބީ އިޒްރޭލުގެ ސަރަހައްދުގައި ކަމަށް ހަބަރުތައް ބުނެއެވެ.
ހަމައެހެންމެ އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ 8300 މީޙުންގެ ތެރެއިން 39 މީހަކު މިރޭ ވަނީ ދޫކޮށްލާފައެވެ. ސުލްހައިގެ އެއްބަސްވުން ގާއިމު ކުރުމަށް މެދުވެރިއެއްގެ ބައި އަދާ ކުރި ގަތަރުން ބުނީ, އިޒްރޭލުން ދޫކޮށްލި މީހުން ހުޅަނގު އައްސޭރީން އިޒްރޭލް ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހުންނަ އޮފާ ޖަލުން އެމީހުން ނެރެ ވެހިކަލްތަކުގައި ގެންގޮސްފައި ވާ ކަމަށެވެ.
ދެފަރާތުން މިނިވަން ކުރި މީހުން އެއް ފަރާތުން އަނެއް ފަރާތަށް އުފުލުމުގެ މަސައްކަތް ކޮށްފައި ވަނީ ރެޑް ކްރެސެންޓުގެ ފަރާތުންނެވެ. އެމީހުން ބުނެފައި ވަނީ ރަހީނުން ބަދަލު ކުރުމުގެ ކަންކަން ދިޔައީ އޮމާންކޮށް ކަމަށާއި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު ގާއިމުކުރި އެއްބަސް ވުމުގެ ދަށުން ހަމާސް އިން އިޒްރޭލުގެ 50 މީހުން ދޫކޮށްލާނެއެވެ. އަދި އިޒްރޭލުން ހަމާސްގެ 150 މީހުން ދޫކޮށްލަން ވަނީ އެއްބަސްވެފައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް އެރި ދުވަހު ޖުމްލަ 250 މީހުން ރަހީނު ކުރި ކަމަށް ހަމާސް އިން ބުނެފައި ވެއެވެ. ނަމަވެސް އިޒްރޭލުން އެކި ފަހަރު އެކި އަދަދު ކިޔަމުން ގޮސްފައި ވާ އިރު ފަހުން ބުނެފައި ވަނީ 239 މީހުން ހަމާސް އިން ގެންދިޔަ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން 4 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވާ އިރު މިއަދު ވަނީ މިސްރާއި ގާޒާ ގުޅޭ ރަފާ ބޯޑަރުން އެހީގެ ޓްރަކްތައްވެސް ގާޒާއަށް ވައްދާފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއަދު 200 ޓްރަކެއް އެހީގެ ސާމާނު ހިފައިގެން ވަނީ ވަދެފައެވެ. އޭގެ ތެރޭގައި ޒަރޫޒީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ތެޔޮވެސް ހިމެނެއެވެ.
އިޒްރޭލުގެ ގިނަ ބަޔަކު ގާޒާއަށް ހަމަލާ ދޭން އަދިވެސް ތާއީދު ކުރި ނަމަވެސް ހަމަލާތައް ފެށުނުތާ ކުރީކޮޅު ނެގި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާފައި ވަނީ ހަނގުރާމަ ކުރިއަށް ގެންދަން ތާއީދު ކުރަނީ 51 ޕަސެންޓް މީހުން ކަމަށެވެ. މިހާރުގެ ހިޔާލު ހޯދުންތައް ހުރި ގޮތުން މިއަދު އިންތިހާބެއް ބޭއްވި ނަމަވެސް ޔަހޫދީ ބޮޑުވަޒީރު ނަތްނަޔާހޫއަށް ވެރިކަން ގެއްލޭނެ ކަމަށް ބުނެއެވެ. އިޒްރޭލުގެ ނޫހެއް ކަމަށް ވާ މާރިވް އިން ކުރިއަށް ގެންދިޔަ ހިޔާލުހޯދުމުގެ ނަތީޖާއިން ދައްކާ ގޮތުން, ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބިފައިވާ 32 ގޮނޑީގެ ތެރެއިން ދެން ކާޏިޔާބު ކުރެވޭނީ އެންމެ 18 ގޮނޑިއެވެ. އަދި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ނަތަންޔާހޫ ބޮޑުވަޒީރަކަށް ބަހައްޓަން ތާއީދު ކުރާކަމަށް ބުނެފައި ވަނީ 27 ޕަސެންޓް މީހުންނެވެ. އަދި 52 ޕަސެންޓް މީހުން މިހާރު ބޭނުންވަނީ އިދިކޮޅު ލީޑަރު އަދި ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ނަތަންޔާހޫއަށް ވުރެވެސް ހަރުކަށި ލީޑަރު ގޭންޓް ބޮޑުވަޒީރަކަށް ގެންނާށެވެ.
އޭނާ އަށް އެހާ ބޮޑު ސަޕޯޓެއް އޮތް ކަމަށް ދައްކަނީ އިޒްރޭލުގެ އާންމުންގެ ރޫހާ އެއްގޮތަށް ހަމާސް ފުނޑާލުމަށް އޭނާ އަޑުއުފުލާލެއް ހަރުކަށި ކަމުންނެވެ. އޭނާ މީގެ ކުރިން ބުނެފައި ވަނީ ހަމާސް އާ އެކު ގާޒާވެސް ފުނޑުފުނޑު ކޮށްލައި ގާޒާގެ ރައްޔިތުން ވަޒަނުން ނެރެ ފަހާލަން ޖެހޭ ކަމަށާއި އެއީ އިންސާނުން ނޫން ކަމަށާއި ވަލުޖަނަވާރުން ތަކެއް ކަމަށެވެ.
އިޒްރޭލުން މިރޭ ދޫކޮށްލި މީހުންގެ ތެރޭގައި ބޮޑެތި ޒަހަމްތަކާއެކު އެތައް ބަޔަކު ތިބުމާއެކު އެމީހުން ގެންދިޔައީ އަލް އަހްލީ އަރަބް ހޮސްޕިޓަލަށެވެ. އެތަނުގައި އެމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ފެށިގެން ކުރިއަށް ދާކަމަށް ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.