ރަށްރަށުގެ ކައުންސިލްތަކުން ތިބީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ އެކުގައި ކުރިއަށް ދާން ކަމަށް، ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އެލްޖީއޭ އާއި ބ. އަތޮޅު ކައުންސިލް ގުޅިގެން ވަނީ އެ އަތޮޅުގެ ކައުންސިލްތަކަށް ހާއްސަކޮށް 'އެސޯސިއޭޝަން އައިޑިއޭޝަން'ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފައެވެ.

އެ ވޯކްޝޮޕްގެ ހަވާސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިވަގުތު ބ. ކަމަދު އަށް ވަޑައިގެން ހުންނެވި އާދަމް ޝަރީފް، އުތުރުގެ ބައެއް އަތޮޅު ކައުންސިލްތަކުގެ ރައީސުންނާ ކުރެއްވި މަޝްވަރާތަކަށް ފަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރެވުނު މަޝްވަރާތަކުގެ އަލީގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މަޝްވަރާތަކުގެ ސަބަބުން ރަށްރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން ރައީސްގެ ސަރުކާރަށް އެއްބާރުލުން ދެއްވައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުކަން ހާމަވާ ކަމަށެވެ.

މި ބައްދަލުވުމުގައި އާދަމް ޝަރީފް ބައްދަލުކުރައްވާފައި ވަނީ ހއ. އަތޮޅާއި ނ. އަތޮޅާއި ބ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސުންނާއެވެ.

ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި:

  • ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމާއި ކައުންސިލްތަކުގެ ނިންމުންތަކުގައި މައި ސަރުކާރަށް ބަރޯސާވުން ލުއިފަސޭހަ ވާން ޖެހޭ
  • ކައުންސިލްތަކުން ރަށްރަށުގައި އިގްތިސޯދީ ހަރަކާތްތައް ހިންގާ މިންވަރު އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގެއް ހޯދައިދިދޭން ޖެހޭ

ކައުންސިލްތަކަށް ހާއްސަ ވުޒާރާ އެއް އުފެއްދެވުމަށް ރައީސް ވައުދުވެވަޑައިގަތީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރުގައެވެ. ރައީސް އޭރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގެ ތެެރެއިން ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމަ އަށް ހަމަޖައްސައިދިނުމަށްޓަކައި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހާއްސަ މިނިސްޓްރީ އެއް ބޭނުންވެއެވެ.

އެހެންކަމުން މި ސަރުކާރުގައި އުފެއްދި ލޯކަލް ކައުންސިލްތަކާއި ސިޓީތަކާ ބެހޭ ވުޒާރާގެ ދަށަށް ކައުންސިލްތަކާ ބެހޭ މައި އިދާރާ އެލްޖީއޭގެ މަސައްކަތްތައް ވަނީ ބަދަލުކޮށްފައެވެ. ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ އެލްޖީއޭ މީގެ ކުރިން ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.