އެމްޑީޕީގެ ހުސްވެފައިވާ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން ހޮވުމަށް އެތެރޭގެ އިންތިހާބު ބޭއްވޭނެ ކަމަށް ބެލެވެނީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ފަހު ކަމަށް، އެ ޕާޓީން މިއަދު ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ގައި އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުގެ މަހެއްހާ ދުވަސް ކުރިން، އެ ޕާޓީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

އެހެންކަމުން އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އޮތީ ހުސްވެފައެވެ. އެހެން އޮއްވާ، ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހަމަޖައްސައިފައެވެ. ނަމަވެސް އެމްޑީޕީގެ ވަގުތީ ނައިބު ރައީސް ކަމަށް އެއްވެސް ބޭފުޅަކު އަދި ހަމަނުޖައްސައެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ، އަންނަ ޖެނުއަރީ މަހު، މާލެ އަށް އާ މޭޔަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ފަހު އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އެއް ބާއްވާނެ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް އޭނާ ވިދާޅުވީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައި އިއުލާނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެ ޕާޓީގެ ރައީސަކީ ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ، އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. އެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރެވޭ މަގާމެއް ކަމަށް، އަސާސީ ގަވައިދުގައިވެއެވެ.