އިޒްރޭލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެފައި ވާ އެއްބަސްވުމުގެ ދަށުން ފުރަމަ ދޫކޮށްލާނީ 13 މީހުން ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ގަތަރުން ބުނެފިއެވެ.

މިއަދަކީ އެއްބަސް ވުމުގެ ދަށުން ހަނގުރާމަ ހުއްޓާލަން އޮތް ދުވަސް ނަމަވެސް އިޒްރޭލުން އެއްބަސްވުމަށް އަމަލު ކޮށްފައެއް ނުވެއެވެ.

މިހާރު ބުނެފައިވަނީ މާދަމާ ގާޒާ ގަޑިން ހެނދުނު 7 ޖަހާއިރު [ރާއްޖެ ގަޑިން ހެނދުނު 10] ގައި ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. އަދި އަސީރުންން ދޫކުރަން ފަށަނީ ހަވީރު 4 ޖަހާއިރު ކަމަށާއި އިޒްރޭލުން ވެސް ރަހީނުން ދޫކުރަން ފަށާނީ އެގަޑީގައި ކަމަށެވެ.

އެއްބަސްވުމުގައި ވާގޮތުން 4 ދުވަހަށް ހަމަލާތައް ހުއްޓާލަން ޖެހެއެވެ. އެ މުއްދަތުގައި އެއްވެސް ފަރާތަކުން ހަމަލާއެއް ދީފި ނަމަ އެއްބަސްވުމާ ހިލާފުވާނެ ކަމަށާއި, އެ އެއްބަސްވުމަކީ ހަމާސް އާއި އިޒްރޭލާ ދެމެދު ހަދާފައިވާ އެއްބަސް ވުމެއް ކަމުން, ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުން ދާ އުދުވާނާއި, ލުބުނާނާއި އިޒްރޭލާ ދެމެދު ބަދަލު ކުރަމުން ދާ ހަމަލާތައް ހުއްޓާލާކަށް ނުޖެހެއެވެ.

ހަމައެކަނި ގާޒާ އަށް އަމާޒުކޮށްގެން މި އެއްބަސްވުން ހަދާފައި ވާ އިރު ހަމާލާތައް ހުއްޓާލުމާއެކު އިންސާނީ އެހީގެ މަސައްކަތަށް ބޭނުންވާ ތެލާއި އަދި ކަބޯތަކެއްޗާއި ބޭހާއި ބޯފެނަށް ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެތަކެތި ލިބިގެން ދާނެއެވެ.

މިހާރުވެސް އެތައް ސްތޭކަ ޓްރަކެއް ރަފާ އާއި ގާޒާ ގުޅޭ ބޯޑަރުގައި އެބަ އޮތެވެ. އެއިން ކޮންމެ ޓްރަކެއް ބަރާކޮށްފައިވަނީ އެތައްހާސް ޓަނެއްގެ ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ހިމެނޭހެންނެވެ.

އެއްބަސް ވުމާ ގޮޅޭ ގޮތުން މައުލޫމާތު ހާމަ ކުރައްވަމުން ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާޖިދް އަލް އަންސާރީ ވިދާޅުވީ, އެއްބަސްވުމުގެ ބޭނުމަކީ ދެފަރާތަށް [އިޒްރޭލާއި ގާޒާއަށް] ލިބެމުންދާ ގެއްލުންތަކުގެ އިތުރުން މެދުއިރުމައްޗަށް ފުޅާވަމުން ދާ މައްސަލަތަކަށް ލުޔެއް ހޯދުން ކަމަށެވެ. އަދި އެއްބަސް ވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ދާނަމަ, މުއްދަތު ހަމަވާފަހުން މުއްދަތު އިތުރު ކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެގޮތުން 4 ދުވަހަށް ފަހު ހަމާސް އިން ދޫކުރާ ކޮންމެ 10 މީހަކަށް 1 ދުވަސް ލިބޭނެއެވެ.

މި އެއްބަސްވުމުން ގާއިމުވެގެން ދިޔުމާއެކު ގާޒާގެ ދެކުނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާން ޔޫނިސްގައި ތިބި ބައެއް މީހުން ބުނީ ކުޑަނަމަވެސް އުއްމީދެއް ލިބިއްޖެ ކަމަށެވެ. ހަމައެއާއެކު ހަމާސް އިން ވަނީ މި އެއްބަސްވުން ގާއިމު ކޮށްދިނުމުގައި މިސްރާއި ގަތަރުން އަދާކުރި ދައުރު ފާހަގަ ކޮށް ޝުކުރު އަދާކޮށްފައެވެ.

މާދަމާ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު, މިހާރު މިސްރަށް ގޮސް ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އަނބުރާ އެމީހުންގެ ވަޒަނަށް ދެވޭނެއެވެ. ނަމަވެސް އެމީހުން ގާޒާއަށް އަނބުރާ ދިޔަ ނަމަވެސް ވަންނާނެ ގެދޮރެއް މިހާރަކު ނެތެވެ.

އިޒްރޭލުގެ ހަމަލާތަކުގައި 85 ޕަސެންޓް ގެދޮރު ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކު ވެފައެވެ. 50 ޕަސެންޓް ގެ ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ.

މިހާތަނަށް 14,500 މީހަކު ޝަހީދުވެފައި ވާ އިރު ކުޑަކުދިންގެ އަދަދު 6000 އަށް ވަނީ އަރާފައެވެ.