މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން ހުޅުމާލެގައި އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީ، މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އަޅާނެ ކަމަށެވެ.

މިހާރު ގާއިމު ކޮށްފައިވާ ވަގުފު ފަންޑު ބިލްޑިން (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ ފަންޑަށް ވަންނަ ކަމަށާއި މިފައިސާ ހަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ހާލަތު ރަނގަޅުކުރުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅުމަށް ނިންމާފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވުމާއެކު، މިސްކިތްތަކާބެހޭ ގައުމީ މަޖްލިސް އަލުން އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި މަޖިލިސް ވެގެންދާނީ މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހަކަށް ކަމަށް ޝަހީމު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،000 ހާ މިސްކިތް އެބަހުއްޓެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.