ގަތަރު މެދުވެރިވެގެން އިޒްރޭލާއި ހަމާސް ސުލްހަ ކުރުވާ މިއަދުން ފެށިގެން ހަމަލާތައް ހުއްޓާލަން ނިންމާފައި ވަނިކޮށް، އެކަން ލަސްކުރިކަމަށް އިޒްރޭލުން ބުނެފިއެވެ.

މިއާއެކު އިޒްރޭލުން ވަނީ، ކުރިއަށް އޮތް 4 ގަޑިއިރުގެ ތެރޭގައި ގާޒާގައި ހުންނަ އިންޑޮނީޝިއަން ހޮސްޕިޓަލް ހުސްކުރަން އަންގާ އަމުރު ކޮށްފައެވެ.

ސުލްހައިގެ އެއްބަސް ވުމަށް އަމަލު ކުރަން ލަސްކުރި ސަބަބު އިޒްރޭލުން ހާމަ ކޮށްފައި ނުވާއިރު މުރާސިލުން ބުނެފައި ވަނީ، އެކަން އިޒްރޭލުން ލަސްކުރީ ދޫކޮށްލަން ބޭނުންވާ މީހުންގެ ލިސްޓާ މެދު ހިޔާލު ތަފާތު ރޭގެ ވަގުތެއްގައި ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަކި ޑްރާމާއެއް ކަމަށް ވެސް މުރާސިލުން ބުނެއެވެ. މިއަދު ހެނދުނު 7 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި އޮތް އިރު، އިއްޔެއާއި ރޭ އިޒްރޭލުން ވަނީ ގާޒާގެ އުތުރާި ދެކުނަށް ވަރުގަދަ ހަމަލާތަކެއްވެސް ދީފައެވެ. އެހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައި ވާ އިރު އެތައް އިމާރާތެއް ވަނީ ބޮން އަޅާ ގޮއްވާލާފެއެވެ.

ކުރިއަށް އޮތް 4 ގަޑިއިރުގެ ތެރޭގައި އިންޑޮނީޝިއާ ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުން އަމުރު ކޮށްފައި ވާ އިރު އެތާނގައި 700 އަށް ވުރެ ގިނަ މީހުން އެބަތިއްބެއެވެ. ބަލި މީހުންނާއި އެކަނި ހާލަށް ހިރި ނުލެވޭ މީހުންނާއި ހަމަލާތަކުން ރައްކާތެރިކަން ހޯދަން ވަދެތިބި މީހުން، އޭގެ ތެރޭގައި ހިމެނެއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީގެ ޑާއިރެކްޓަ ޖެނެރަލް މުނީރް އަލް ބުރުޝް ވިދާޅުވީ، މިހާރު ވެސް އެ ހޮސްޕިޓަލުގައި ފުރާނަ ނެތް 65 މީހެއްގެ ހަށިގަނޑު އެބަޮއޮތް ކަމަށާއި ވަޅުލެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އިއްޔެ 200 ބަލިމީހަކު ހޮސްޕިޓަލުން ނިކުމެފައި ވާ ކަމަށާއި ޖުމްލަ 450 މީހުން އިއްޔެ އެކި ތަންތަނަށް ބަދަލު ކޮށްފައި ވާ ކަމަށެވެ.

އިންޑޮނީޝިއާ ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުން އަމުރު ކުރި އިރު އަލް ޝިފާ ހޮސްޕިޓަލަށް ވަދެ އިޒްރޭލް ސިފައިން ހިންގާ އޮޕަރޭޝަނުގައި އެ ހޮސްޕިޓަލްގެ ޑައިރަކެތަރު ގަދަކަމުން ރޭ ހައްޔަރު ކޮށްފައި ވާ ކަމަށް ވެސް ސިއްހީ ވުޒާރާއިން ބުނެއެވެ.

އެ ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނީ، ޑައިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ އާ އެކު އިތުރު އިސް އޮފިޝަލުން ތަކެއް ވެސް ހައްޔަރު ކުރި ކަމަށެވެ.