އިޒްރޭލާއި ހަމާސް އާ ދެމެދު 4 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލައި ހަމާސްގެ އަތްދަށުަގއި ތިބި އަސީރުން ދޫކުރާ އިރު އިޒްރޭލުން ރަހީނު ކުރި މީހުން ދޫކޮށްލުމާ ދެކޮޅަށް އިޒްރޭލުގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އިޒްރޭލުގެ 'ދަ އަލްމަގޯރް ޓެރާ ވިކްޓިމް އެސޯސިއޭޝަން' އިން ހައިކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ, ރަހީނުން ދޫކޮށްލުމަށް އިޒްރޭލު ސަރުކާރުން އެއްބަސްވި އެއްބަސްވުން އަނބުރާ ގެންދަން ޖެހޭ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލި ނަމަވެސް އެމީހުން ދޫކޮށްލައިފިނަމަ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ އޮންނާނެ ކަމަށެވެ. އެހެން ކަމުން ރަހީނުން ދޫކުރުން މަޑުޖައްސާލަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލުގެ ގާނޫނުތައް ހުންނަ ގޮތުން, ސަރުކާރުން ނިންމާ ކަމަކާ ހިތްހަމަ ނުޖެހޭނަމަ އެކަމަކާ ދެކޮޅަށް ދައުވާ ކުރުން ނުވަތަ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރުވަންދެން އޮވެއެވެ.
މި ޕެޓިޝަން ހައިކޯޓަށް ހުށަހެޅިނަމަވެސް އެ ކޯޓުން ވަނީ ޕެޓިޝަން ބޭރުކޮށްލާފައެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭތާ 47 ދުވަސް ވެފައި ވާ އިރު, މާދަމާ ގާޒާ ގަޑިން ހެނދުނު 7 އިން ފެށިގެން 4 ދުވަހަށް ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވަނީ އެއްބަސް ވެފައެވެ. މި އެއްބަސްވުމުގެ ދަށުން, ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 50 މީހަކު މިނިވަން ކުރަން ޖެހެއެވެ. އަދި އިޒްރޭލުގެ ބެލުމުގައި ތިބި 8300 ރަހީނުންގެ ތެރެއިން 150 މީހަކު މިނިވަން ކުރަން ޖެހެއެވެ.
މާދާމާ މި މަސައްކަތް ފެށިގެން ދާނެ ކަމަށް ބެލެވޭ އިރު, ފަލަސްތީނުގެ އާއިލާތަކުން މިހާރު ކެތްމަދުވެފައި ވަނީ, އެ 150 މީހުންގެ ތެރޭގައި ހިމެނެނީ ކޮންބައެއްތޯ ބެލުމަށެވެ. އިޒްރޭލުން ރަހީނު ކުރި 8300 މީހުންގެ އާއިލާގެ މީހުން އެކަމުގައި އެކި އެކި ފަރާތްތަކާ ސުވާލު ކުރަމުން ގެންދިޔަ ނަމަވެސް އަދި މިވަގުތާ ހަމައަށް މިނިވަން ކުރާ މީހުންގެ ނަންތަކެއް ހާމައެއް ނުކުރެއެވެ.
ގަތަރު މެދުވެރިވެގެން އެމެރިކާ އާއި އިޒްރޭލް އަދި ހަމާސް ސުލްހައަށް އެއްބަސް ކުރުވާފައި ވާއިރު, 4 ދުވަހުގެ މުއްދަތު އިތުރު ކުރެވޭނީ މިހާރު އޮތް އެއްބަސް ވުމާ އެއްގޮތަށް ދެފަރާތުން އަމަލުކޮށް އިތުރުވާ ކޮންމެ ދުވަހަކަށް ހަމާސް އިން 10 އަސީރުން މިނިވަން ކުރާނަމައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ ހިންގި އޮޕަރޭޝަންގައި 250 މީހަކު އަސީރުންގެ ގޮތުގައި ގެންދިޔަ ކަމަށް އެޖަމާއަތުން ބުނެފައި ވެއެވެ. އޭގެ ތެރެއިން 60 މީހަކު އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ހަމަލާތައް ފެށުނުތާ ކުރީކޮޅު ހަމާސް އިން ވަނީ އޭގެ ތެރެއިން 4 އަންހެނަކު މިނިވަންވެސް ކޮށްފައެވެ.
ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވި އިތުރު ކަންތައްތަކުގެ ތެރޭގައި ދެން ހިމެނެނީ ތެޔޮ ހިމެނޭހެން ގާޒާއަށް ބޭނުންވާ އެހީގެ ގާފިލާތައް ހުރަހެއް ނެތި ގާޒާއަށް ވެއްދުމާއި ގާޒާގެ މަތީގައި އެމެރިކާއާއި އިޒްރޭލުން އުދުއްސާ ޑްރޯންތައް ކޮންމެ ދުވަހަކު 6 ގަޑިއިރަށް ހުއްޓާލުމެވެ.
މިއެއްބަސްވުން މިހެން އޮތް ނަމަވެސް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ, ހަނގުރާމަ ކުރިއަށް ދާނެ ކަމަށާއި ހަމަލާތައް މެދުކަނޑާލައި މުއްދަތުގައި މަޑުން ތިބޭނެ ކަމަށެވެ. އޭގެ ފަހުން ހަމަލާތައް އަލުން ފަށާ ކުރިންވެސް ކަނޑައަޅާފައި އޮތް މަގުސަދު ހާސިލު ކުރާނެ ކަމަށެވެ.
މާދަމާއިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސް ވެފައި ވާ އިރު, ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 200 މީހަކު ޝަހީދު ކޮށްލާފައެވެ. އަދި މިވަގުތާ ހަމައަށް އައިއިރުވެސް ގާޒާއަށް ބޮން އެޅުން ހުއްޓައެއް ނުލައެވެ. ހުޅަނގު އައްސޭރިއާއި ގާޒާގެ މެދުތެރޭގެ އިތުރުން ދެކުނުން ހާން ޔޫނިސް އަށް ވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ހަނގުރާމައިގެ މިހާތަނަށް އައިއިރު އިޒްރޭލުން ޝަހީދު ކޮށްލި ފަަލސްތީނުގެ މީހުންގެ އަދަދު ވަނީ 14,532 އަށް އަރާފައެވެ. އޭގެ ތެރޭގައި 6000 ކުޑަކުދިން ހިމެނެއެވެ. 85 ޕްސެންޓް ގެދޮރު ވަނީ ހަލާކުކޮށްލާފައެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 205 މީހަކު ވަނީ މަރާލާފައެވެ. 2.3 މިލިއަންގެ އާބަދީގެ ގާޒާގެ 1.7 މިލިއަން މީހުން ވަނީ ގެދޮރުން ނެރެ ބޭރުކޮށްލާފައެވެ.