ފަލަސްތީނުގެ ބިމަކީ ތިމަންމެންގެ ބިން ކަމަށާއި ފަލަސްތީނުގައި އުޅޭ ހުރިހާ މުސްލިމުން އަހަރެއްގެ ތެރޭގައި މަރާ ހުސްކުރާނެ ކަމަށް ބުނެ ކުޑަކުދިންތަކެއް ލައްވާ ލަވަކިޔުއްވާ އިޒްރޭލުގެ ގައުމީ ޓީވީން ދެއްކި މައްސަލަ ހޫނުވެ އެ ލަވަ ޑިލީޓް ކޮށްލައިފިއެވެ.
އެ ލަވައިގައި ކުދިންތައް ކިޔަމުން ދަނީ, އަހަރެއްގެ ތެރޭގައި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރާ ނައްތާލާނެ ކަމަށާއި އޭގެ ފަހުން އެތާ [ފަލަސްތީންގައި މުސްލިމުންގެ] އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ރައްކާތެރިކަމާއެކު އަހަރެމެނަށް އަމިއްލަ ވަޒަނަށް ދެވި ދިރިއުޅެވޭނެ ކަމަށެވެ.
އެ ލަވަޔާއެކު ހިމަނާފައިވާ މަންޒަރުތަކުަގއި ދައްކަނީ އިޒްރތޭލު ސިފައިން ގާޒާއަށް ބޮން އަޅާ މުޅިތަން ސުންނާފަތި ކުރާތަނާއި އިޒްރޭލު ސިފައިންގެ ކުޅަދާނަ ކަން ފެންނަ މަންޒަރުތަކެވެ.
މިލަވަ އާންމު ކުރުމާއެކު އިޒްރޭލުގެ ޔަހޫދީން ހިމެނޭހެން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ލަވަ މިހާރު ޑިލީޑް ކޮށްލާފައި ވީ ނަމަވެސް ބައެއް ސައިޓުތަކުގައި އެ ލަވައިގެ ކޮޕީތައް ވަނީ އަޕްލޯޑް ކޮށްފައެވެ. ފާޑުކިޔަމުން ދިޔަ ބައެއް މީހުން ބުނެފައި ވަނީ 'އެއީ ބޮޑުވަރު' ކަމަށާއި ތެލާއި ފެނާ ވަކިނުވާވަރުގެ ކުޑަކުދިން ލައްވާ ނަސްލެއް ނައްތާލުމުގެ ވާހަކަ ދައްކުވާފައި ވާ ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އެ ކަމުގައި އެ ކުދިން ގޯސް ނުކުރާ ކަމަށާއި ނަމަވެސް އެކުދިންގެ މައިންބަފައިންގެ 'ގޮތެއް ނެތްކަން' ދޭހަވެގެން ހިނގައްޖެ ކަމަށެވެ.
އެހެން ޔަހޫދީ އަކު ބުނެފައި ވަނީ, ފަލަސްތީނުގެ ކުޑަކުދިން މަރަން ދޫކޮށްލައި މަރަމުން އެކަމަށް ހިތްވަރުދޭން އުފެއްދި މި ލަވަ އަކީ 'ސިކް ވެފައި' ތިބި ބަޔަކު ހަދާފައިވާ ލަވައެއް ކަމަށެވެ.
'ފްރެންޑްޝިޕް ސޯންގް 2023' ގެ ނަމަގައި ހަދާފައިވާ އެ ލަވައަކީ 1948 ގެ ނަކްބާ އާ ދިމާކޮށް ޔަހޫދީންނަށް ހިތްވަރު ދިނުމަށް އޭރު ހެދި ޅެމެއްގެ އަސްލަކަށް ބަލައިގެން ހަދާފައިވާ ލަވައެކެވެ.