ޓީޗަރުން ހަމަނުވެ، ޕްރިންސިޕަލް ރަށުގައި ނުހުންނަ މައްސަލަ ބޮޑުވެ ބެލެނިވެރިން ނިކުމެ، ލ. ކުނަހަންދޫ ސްކޫލުގައި ތަޅުއަޅުވައިފިއެވެ.

އެކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އާ ވާހަކަދެއްކި އެ ރަށުގެ މީހަކު ބުނީ ސްކޫލުގެ ޓީޗަރުން ހަމަނުވާ ކަމަށާއި ދެވަނަ ޓާމު ފެށިގެން ނިމެން ކައިރިވެފައިވާއިރު ޓީޗަރުން ހަމަނުވުމުގެ ސަބަބުން ބައެއް މާއްދާތަކުގެ ކިޔެވުން ނުފެށިފައިވާ ކަމަށެވެ.

ޓީޗަރުން ހަމަ ނުވަނީ މަތީ ގްރޭޑްތަކުގެ މާއްދާތަކަށް ކަމަށާއި އެ ރަށުގެ ސްކޫލުގައި ހުންނަ އެ އަތޮޅުގެ ހިތަދޫ ޕްރިންސިޕަލްވެސް ރަށުގައި ނުހުންނަ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސައެއް ކަމަށެވެ. ސޮއިކޮށްލުމަށްފަހު ޕްރިންސިޕަލް ހިތަދޫއަށްދާ މައްސަލައަކީ ބެލެނިވެރިންގެ ކަންބޮޑުވުމެއް ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

ލ. ކުނަހަންދޫ ސްކޫލު ކައިރީގައި ބެލެނިވެރިން އިހުތިޖާޖުކުރަނީ/ ފޮޓޯ: ކިޔުންތެރިއެއް

ސްކޫލުގައި ބޮޑެތި ކަންކަން ހިނގާއިރުވެސް ޕްރިންސިޕަލް ނުހުންނަ ކަމަށާއި މިދިޔަ ހަތަރު އަހަރު ސްކޫލުގެ ނަތީޖާއަށް ކުރިއެރުން ނުލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރޭގެ ވަގުތެއްގައި އެ ރަށުގެ ސްކޫލުގެ ދެ ގޭޓުގައި ތަޅު އަޅުވާފައިވާއިރު މިއަދު ބެލެނިވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖުގައި ބެލެނިވެރިން ދަނީ ޕްރިންސިޕަލް ބަދަލުކުރުމަށް ގޮވާލަމުންނެވެ. އަދި ސްކޫލަށް ކުރިއެރުން ނުލިބޭތީ އެކަމާ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.