ލ. މާމެންދޫ އިން އެ އަތޮޅު ކުނަހަންދޫ އަށް ސިއްރުން އެރި ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 1:16 އެހާއިރު މާމެންދޫ އިން ތިން މީހަކު ހުއްދަ ނެތި އެ އަތޮޅު ކުނަހަންދޫ އަށް ސިއްރުން އަރައިގެން ރަށުގެ ތެރޭގައި އުޅެނިކޮށް އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެމީހުން ކުނަހަންދޫ އަށް ދިޔައީ ކަނދު ފައްޗެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 43 އަހަރާއި 48 އަހަރާއި 29 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ. އެ ތިން މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން އަންނަ އިރު، ލޮކްޑައުންގެ ހާލަތުގައި ރާއްޖޭގެ ބައެއް ރަށްރަށުން ހުއްދަ ނެތި މީހުން ފުރައިގެން އެހެން ރަށްރަށަށް ދާ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ.